އެޕިސޯޑު 06 | ކައްވަޅުގެ ޚަބަރުތަކުން ޞަޙާބީންނަށް ކުރި އަސަރު | ވަކިވުމަށް ފަހު 2


ކަށްވަޅުގެ ޚަބަރުތައް އިވުމުން ޞަޙާބީ ބޭކަލުންގެ ހިތަށް އަޘަރުކުރިއެވެ. އަދި އެކަމުގެ ސަބަބުން އެބޭކަލުންގެ ޢަމަލުތައް އާޚިރަތަށްޓަކައި ތައްޔާރުކުރެއްވިއެވެ. ސުވާލަކީ އަޅުގަނޑުމެންނަށް ކަށްވަޅުގެ ޚަބަރުތައް އިވުމުން އަޘަރުކުރަނީ ކިހާވަރަކަށްތޯ؟


ابو بكر الصديق رضي الله عنه ގެ ދަރިކަނބަލުން أسماء رضي الله عنها ވިދާޅުވަނީ


"އެއްދުވަހެއްގައި ރަސޫލާ صلى الله عليه وسلم މިންބަރަށް އަރާ ވަޑައިގަތުމަށްފަހު ޚުތުބާ ދެއްވަމުން ކަށްވަޅުގައި އިންސާނާއަށް ކުރިމަތިވާނޭ ފިތުނަ ތަކުގެ ވާހަކަ ދެއްކެވިއެވެ. އަދި އެ ވާހަކަތައް ދެއްކެވުމުން ރުއިމުގެ އަޑުން މިސްކިތްތެރެ ވަގުތުން ގުގުމާލިއެވެ. އަދި އެ ރުއިމުގެ އަޑު ގަދަވުމުގެ ސަބަބުން ދެން ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވީ ކީކޭކަންވެސް ތިމަން ކަމަނާއަށް އަޑުއިވި ވަޑައިނުގަންނަވައެވެ. އަދި އެ ރުއިމުގެ އަޑުފަށްގަނޑު މަޑުވެގެން ދިއުމުން ތިމަން ކަމަނާ ކައިރީގައި ހުރި މީހަކާ ސުވާލުކުރީމެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ. ރަސޫލާ صلى الله عليه وسلم އެންމެ ފަހުން އެ ހަދީޘް ކުރެއްވީ ކީކޭތޯއެވެ." އެހިނދު އެ ޞަޙާބީ މި ވިދާޅުވަނީ ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. "ތިމަން ކަލޭނގެފާނަށް ވަޙީގެ ޒަރިއްޔާއިން ޚަބަރު ދެވިގެންނޭވަނީ ތިޔަބައިމީހުން ކަށްވަޅުގައި ފިތުނަ އާއި ކުރިމަތިލާން ޖެހޭނެކަން، އަދި އެ ފިތުނައަކީ ދައްޖާލުގެ ފިތުނަ ފަދަ ބޮޑު، ނުރައްކާތެރި ފިތުނައެއްކަން."


އާދެ ދައްޖާލުގެ ފިތުނަ އަކީ آدم عَلَيْهِ ٱلسَّلَامُ އިން ފެށިގެން ޤިޔާމަތާއި ހަމައަށް އަންނާނެ އެންމެ ބޮޑު ފިތުނައެވެ. އަދި ދައްޖާލުގެ ފިތުނައިގެ ބޮޑުކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަމުން ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވަނީ


"އެއްވެސް ނަބީބޭކަލެއް، އެބޭކަލެއްގެ އުންމަތުގެ މީހުންނަށް ދޮގުވެރި، އަޢުވަރު ދައްޖާލުގެ ފިތުނައިގެ ނުރައްކަލުން އިންޒާރު ނުކުރައްވާ ދޫކޮށްނުލައްވައެވެ."


އާދެ ކަށްވަޅުގެ ފިތުނައަކީ ދައްޖާލުގެ ފިތުނަ ފަދަ ނުރައްކާތެރި، ބިރުވެރި ކަމެއްކަމުގައި ނަބިއްޔާ صلى الله عليه وسلم މި ވަނީ ހަދީޘް ކުރައްވާފައެވެ. އަދި ނަބިއްޔާ صلى الله عليه وسلم މިފަދައިން ހަދީޘް ކުރައްވެމުން ޞަޙާބީ ބޭކަލުން އެކަމުގެ ބިރުވެރިކަން ހިތްޕުޅަށް އަރައިވަޑައިގެން ވަގުތުން ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި އެބޭކަލުންގެ ކީރިތި ކުރެއްވުމުގެ އަޑުން މިސްކިތް ގުގުމާލައިގެން ދިޔަކަމުގައި أسماء بنت أبي بكر رضي الله عنهم މިވަނީ ވިދާޅުވެފައެވެ.


އާދެ ޞަޙާބީ ބޭކަލުންނަށް އެފަދައިން އަޘަރުކޮށްފައިއެވަނީ އެބޭކަލުންގެ ހިތްތަކަކީ މަޑު ހިތްތަކެއް ކަމުގައިވާތީއެވެ. އަޅުގަނޑުމެންނަށް ބަލާލާއިރު އަޅުގަނޑުމެންނަށް އެއްވެސް އަޘަރެއް ނުކުރާފަދައެވެ. އަދި އަޘަރެއް ކުރާނަމަ އަޘަރެއް ކުރަނީ ވަރަށް ވަގުތީ ގޮތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ޖަނާޒާއެއް ފެނިދާނެއެވެ. އަދި އަޅުގަނޑުމެންނަށް ކަށްވަޅުވެސް ފެނިދާނެއެވެ. އަދި މަރުވެފައިވާ އިންސާނާ ކަށްވަޅުގެ ތެރެއަށް ތިރިކުރާތަންވެސް ފެނިދާނެއެވެ. އަދި މިހުރިހާކަމެއް ފެނިގެންދާއިރުވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޤަބުރުސްތާނުގެ ތެރޭގައި މައްޔިތާ ވަޅުލާ ގަޑީގައިވެސް ސަކަރާތްޖަހާ، ހީ ސަމާސާކޮށް، މަސް އައިނަށް އަރާ ވާހަކަ ދައްކާތަން އަޅުގަނޑުމެންގެ ދެލޯ ކުރިމަތިން އެބަފެނެއެވެ. އާދެ މިހެން ކަންތައް ދިމާ މިވަނީ ހަރު ހިލަގަނޑެއް ފަދަ ހިތެއް އޮތުމުގެ ސަބަބުންނެވެ.


އަޅުގަނޑުމެންނަށް ކަށްވަޅުގެ ވާހަކަތައް އިވުމުން އެއްވެސް އަޘަރެއް ނުކުރާ ކަމުގައިވާނަމަ އަދި މައްޔިތާ ވަޅުލޭ މަންޒަރު ފެނުމުން އެއްވެސް ބިރުވެރިކަމެއް ހިތަށް ނުވަންނަ ކަމުގައިވާނަމަ އޭގެ މާނައަކީ އަޅުގަނޑުމެންގެ ހިތުގައި ފަރުވާކުރަންޖެހޭ ފަދަ ބަލިމަޑުކަމެއް އެބައޮތްކަމެވެ. އަދި އެބައްޔަކީ ހިތުގެ ސިއްޙީ ބައްޔަކަށްވުރެ މާ ނުރައްކާތެރި ބައްޔެކެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކަށް ހިތުގެ ސިއްޙީ ބައްޔެއް ތަޙައްމަލުކުރަން ޖެހިއްޖެ ކަމުގައި ވާނަމަ އެކަމަށް ފަރުވާއެއް ލިބޭތޯ އެމީހެއްގެ މުދަލާއި ވަގުތު އެބަ ހޭދަކުރެއެވެ. އެހެންނަމަވެސް މި ދެންނެވި ފަދަ ބައްޔެއް ތަޙައްމަލު ކުރަންޖެހުނު ކަމުގައި ވިޔަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހާސްވާތަނެއް ނުފެނެއެވެ. އަދި އެކަމާ ކަންބޮޑުވެގެނެއްވެސް ނޫޅެއެވެ. އެހެންނަމަވެސް މިފަދަ ބައްޔަކުން ސަލާމަތްވުމަށްޓަކައި މަސައްކަތްކުރުން މާ ޢައުލާކަންބޮޑެވެ.


އާދެ ޞަޙާބީ ބޭކަލުންނަށް ކަށްވަޅުގެ ވާހަކަތަކާއި މަރުވުމަށްފަހު އަންނަން އޮތް ޙަޔާތުގެ ވާހަކަތައް އިވުމުން އެ ޙަޔާތަށް ތައްޔާރުވުމަށްޓަކައި ﷲ سبحانه وتعالى އަންގަވާފައިވާ ގޮތަށް އެބޭކަލުންގެ ދިރިއުޅުމުގެ ނިޒާމް އެއްކޮށް ބައްޓަންކުރެއްވިއެވެ. އާދެ އަޅުގަނޑުމެން ދުނިޔެއާއި ވަކިވުމަށްފަހު އަންނަން އޮތް ޙަޔާތަށް ތައްޔާރުވުމަށްޓަކައި ކޮށްފައިވަނީ ކޮންކަމެއްތޯ އަމިއްލަ ނަފްސުތަކާއި ސުވާލުކޮށްލަން އެބަޖެހެއެވެ. ކަށްވަޅުގައި އެކަނިމާއެކަނި އޮންނަންޖެހޭ ދުވަހަށް ތައްޔާރުތޯއެވެ. އަދި އެއަށްފަހު ޤިޔާމަތް ދުވަހު ﷲ سبحانه وتعالى ގެ ދަރުބާރުގައި ކޮޅަށްހުންނަންޖެހޭނޭކަން ވިސްނާ ފިކުރުކޮށްލިންތޯއެވެ.