ރަނގަޅަށް އުޅޭ މީހުންނަށް މުސީބާތް ކުރިމަތިވަނީ ކީއްވެ؟ | އައްޝައިޚް މުޙައްމަދު ޣާލިބު ޝާހިދު


ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވަނީ "اَحَسِبَ النَّاسُ اَنۡ يُّتۡرَكُوۡۤا اَنۡ يَّقُوۡلُوۡۤا اٰمَنَّا وَهُمۡ لَا يُفۡتَـنُوۡنَ‏" (سورة العنكبوت – 02) "އެބައިމީހުން އީމާން ވެއްޖައީމުއޭ ބުނުމުން، ﷲ سبحانه وتعالى އެބައިމީހުންނަށް އެއްވެސް ކަހަލަ އިމްތިޙާން ކުރިމަތި ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް އެބައިމީހުން ހީކުރީ ހެއްޔެވެ." "وَلَقَدۡ فَتَـنَّا الَّذِيۡنَ مِنۡ قَبۡلِهِمۡ​..." (سورة العنكبوت – 03) "ހަމަކަށަވަރުން ތިމަން އިލާހު އެބައިމީހުންގެ ކުރީގެ މީހުންވެސް އިމްތިޙާނުކުރެއްވީމެވެ. ފިތުނަ ކުރެއްވީމެވެ. އެކި ކަހަލަ މުޞީބާތްތައް ޖެއްސެވީމެވެ." އެއީ ކީއްވެގެންތޯއެވެ. "فَلَيَـعۡلَمَنَّ اللّٰهُ الَّذِيۡنَ صَدَقُوۡا..." (سورة العنكبوت – 03) "އެއީ އެބައިމީހުންގެ ތެރެއިން އީމާން ވެއްޖައިމޭ ބުނެ އެކުރާ ދަޢުވާގައި ތެދުހަދަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ." "وَلَيَعۡلَمَنَّ الۡكٰذِبِيۡ..." (سورة العنكبوت – 03) "އަދި އެ ދަޢުވާގައި ދޮގުހަދަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ."


އާދެ އަޅުގަނޑުމެން އެންމެންނަކީވެސް މުސްލިމުންކަމުގައި އަޅުގަނޑުމެން އެބަބުނަމެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި އަދި އަޅުގަނޑުމެން ތަބަޢު ވަނީ އިސްލާމްދީނަށް ކަމުގައި ބުނާ ކަމުގައިވާނަމަ އަޅުގަނޑުމެންނަށް ﷲ سبحانه وتعالى ގެ އިމްތިޙާންތައް ކުރިމަތިވާނެއެވެ. އަޅުގަނޑުމެންނަށް ބައެއް ފަހަރު ބައެއްމީހުން ބުނާއަޑު އެބަ އިވޭ "ތި ނަމާދު ކޮށްގެން އުޅޭ މީހުންނަށްވުރެ މާ ގިނައިން އަހަރުމެންނަށް އެބަ މަސްބޭނެއެވެ." އާދެ އެފަދައިން ބުނާ މީހުން ބުނާ ކަހަލަ ނަމާދަށް އަރަނީ، މިސްކިތައް ދަނީ ﷲ سبحانه وتعالى އަންގަވާފައިވާ ގޮތަށް އަމަލުކުރަނީ ރިޒްގު ތަނަވަސްކުރުމަށްޓަކައެވެ. ނުވަތަ އެއީ ދުނިޔަވީ ގޮތުން ކާމިޔާބު ހޯދުމަށްޓަކައެވެ. އެއީ ދުނިޔޭގައި ގިނައިން ލާރި ހޯދުމަށްޓަކައެވެ. އެހެން ނަމަވެސް އެކަން ވާނީ އެހެން ނޫންކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ. ސަބަބަކީ ދުނިޔެމަތީގައި އެންމެ ބޮޑެތި މުޞީބާތްތައްވެސް ﷲ سبحانه وتعالى ޖައްސަވައިފައިވަނީ ﷲ سبحانه وتعالى އެބޭކަލުންދެކެ އެންމެ ލޯބިވެވަޑައިގަންނަވާ ބޭކަލުންނަށެވެ. އެކަން ބަޔާން ކުރައްވާ ރަސޫލާ صلى الله عليه وسلم  ހަދީޘްފުޅުކުރައްވާފައިވެއެވެ. "أشد الناس بلاء الأنبياء ..." (جامع الترمذي) ﷲ سبحانه وتعالى އެންމެ ބޮޑެތި މުޞީބާތްތައް ޖައްސަވައިފައިވަނީ ނަބީބޭކަލުންނަށެވެ. "... ثم الأمثل فالأمثل" (جامع الترمذي) އަދި ދެން އައަށްފަހު އެނަބީ ބޭކަލުންނާއި އެންމެ ގާތް އެންމެ އެއްގޮތް ބޭކަލުންނަށެވެ. އަދި ދެން އެނަބީ ބޭކަލުންނާއި އެންމެ ގާތް އެންމެ އެއްގޮތް ބޭކަލުންނަށެވެ."


އެހެންކަމުން އަޅުގަނޑުމެންނަސް އެނގިގެންދަނީ ﷲ سبحانه وتعالى ދުނިޔެ މަތީގައި މީހަކަށް ރިޒްގް ތަނަވަސްކޮށްދެއްވައި ގިނައިން ލާރި ލިބި އަދި އޭނާއަށް އުފާވެރި ދިރިއުޅުމެއް އުޅެވުނު ކަމުގައިވިޔަސް އެއީ ﷲ سبحانه وتعالى އެމީހެއްދެކެ ލޯބިވެވޮޑިގަންނަވާ ކަމުގެ އަލާމާތެއް ނޫންކަމުގައެވެ. އަދި ހަމަ އެފަދައިން ދުނިޔެ މަތީގައި މީހަކަށް މުޞީބާތެއް ކުރިމަތިވެ ދުނިޔެ މަތީގައި ދަތި އުނދަގޫ ދިރިއުޅުމެއް މީހަކު އުޅެން ޖެހުނު ކަމުގައިވީނަމަވެސް އެއީ ﷲ سبحانه وتعالى އެމީހެއްދެކެ ނުރުހުންވެވޮޑިގަންނަވާ ކަމުގެ އަލާމާތެއްވެސް ނޫންކަމެވެ. އެހެނީ ރަސޫލާ صلى الله عليه وسلم  ހަދީޘްފުޅުކުރައްވާފައިވެއެވެ. "إِنَّ اللَّهَ إِذَا أَحَبَّ قَوْمًا ابْتَلَاهُمْ" (سنن ابن ماجه) " ﷲ سبحانه وتعالى ބައެއްދެކެ ލޯބިވެވޮޑިގެންފި ކަމުގައި ވާނަމަ އެބަޔަކަށް މުޞީބާތްތައް ކުރިމަތި ކުރައްވައެވެ. އެބަޔަކަށް އިމްތިޙާންތައް ކުރިމަތި ކުރައްވައެވެ." އާދެ އެ މުޞީބާތްތަކާއި އެ އިމްތިޙާންތައް ﷲ سبحانه وتعالى އެކުރިމަތި ކުރައްވަނީ އެބައިމީހުން އެއަށް ކެއްތެރިވެ އަދި އެކަމުގެ ސަބަބުން އެބައިމީހުންގެ ދަރަޖަ ﷲ سبحانه وتعالى ގެ ހަޟްރަތުގައި އުފުއްލެވުމަށްޓަކައެވެ.


އާދެ އެހެން ކަމުން ﷲ سبحانه وتعالى އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅަކަށް ދުނިޔެ މަތީގައި މުޞީބާތެއް ޖައްސަވާފާނެކަމަށް އަޅުގަނޑުމެން ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ. އަދި ދަންނަން ޖެހެއެވެ. އަދި ﷲ سبحانه وتعالى ދުނިޔެ މަތީގައި ރިޒްޤު ތަނަވަސްކުރައްވައި ގިނަ ލާރި ދެއްވައި، ގިނަ ފައިސާއި މުދާ އެކަލާނގެ ނުރުއްސަވާ އަޅަކަށްވެސް ދެއްވަފާނެކަން ދަންނަން ޖެހެއެވެ. ފިރުއަޢުނާއި ޤާރޫން ފަދަ މީސްމީހުންނަކީ ދުނިޔެ މަތީގައި މުދާވެރިކަމާއި ދުނިޔެ މަތީގެ ޒީނަތްތެރިކަން އެބައިމީހުންނަށް ލިބިގެންވީ މީހުންކަން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ. އެހެނެއްކަމަކު ﷲ سبحانه وتعالى އެބައިމީހުންދެކެ އެންމެ ނުރުއްސަވާ، އެންމެ ކޯފާވެވޮޑިގަންނަވާ މީހުންގެ ތެރެއިން އެބަމީހުން ހިމެނިގެންދިޔައީއެވެ.


އެހެންކަމުން ދުނިޔެ މަތީގައި ރަނގަޅަށް އުޅޭ ﷲ سبحانه وتعالى އަށް އީމާންވާ މީހަކަށްވެސް މުޞީބާތާއި ކުރިމަތިލާން ޖެހިދާނެއެވެ. އަދި ހަމައެފަދައިން ދުނިޔެ މަތީގައި ﷲ سبحانه وتعالى އުރެދުމުގައި އުޅޭމީހަކަށް ރިޒްޤު ތަނަވަސްވެދާނެއެވެ. އެހެންކަމުން ދުނިޔެއަކީ މިއީ އިމްތިޙާނެއްކަން އަޅުގަނޑުމެން ދަންނަން އެބަޖެހެއެވެ. ދުނިޔެއަކީ އެއްވެސް ހާލެއްގައި އެމީހެއް ކުރާ ހެޔޮ ޢަމަލުގެ ޘަވާބާއި ޖަޒާ ލިބެންއޮންނަ ތަނެއް ނޫންކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އަޅުގަނޑުމެންނަށް ހަޤީޤީ ޘަވާބާއި އަދި އަޅުގަނޑުމެން ދުނިޔެމަތީގައި މިކުރާ އަމަލުތަކުގެ ހަޤީޤީ ޖަޒާ ލިބެން އޮތްތަނަކީ އެއީ ޢަޚިރަތް ދުވަހެވެ. އެދުވަހުން އަޅުގަނޑުމެން މިދުނިޔެމަތީގައި ކޮށްފައިވާ އަމަލުތަކުގެ ހިޞާބު ބެއްލެވި އެމީހަކަށް ޙައްޤު ތަނަކަށް އެމީހަކު ނިމިގެންދާނެއެވެ.