ދީނީ މައުލޫމާތު ޝެއާކުރުމުގެ ކުރިން... | އައްޝައިޚް މުޙައްމަދު ޣާލިބު ޝާހިދު


ސޯޝަލް މީޑިއާގައި އަޅުގަނޑުމެންނަށް ފެންނަ ޕޯސްޓްތައް އެއީ ސައްޙަ އެއްޗެއްތޯ ނުވަތަ ޟަޢީފް އެއްޗެއްތޯ ބަލާލުމެއް ނެތި އެ ޕޯސްޓުތައް ޝެއަރ ކުރާތަން މިއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. ގިނަ ބަޔަކު މިކަން ކުރަނީ ހެޔޮނިޔަތެއްގައެވެ. އެއީ ހެޔޮ ކަމެއް ކަމުގައި ދެކިގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.


(الدال على الخير كفاعله)


{رواه الترمذي وأحمد}


މާނައީ: "ހެޔޮކަމަކަށް މަގުދައްކާ މީހާ ހެޔޮކަމެއް ކުރާ މީހާ ފަދައެވެ."


އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ޙަދީޘްގެ ވާހަކަ އަޑުއަހާ، އެއީ ހެޔޮކަމެއްކަމުގައި ދެކިގެން ޞައްޙަ ކަމާމެދު ޔަޤީންކަން ނެތް ޕޯސްޓްތައް ޝެއަރކުރެއެވެ. ނަމަވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނާއި ބެހޭގޮތުން މަޢުލޫމާތެއް ފަތުރާއިރު، ދީނުގައި ކަން އޮތީ މިހެންނޭ ބުނެ، އެކަމަށް ދަލީލްކޮށްދޭ ޕޯސްޓެއް ޝެއަރ ކުރާއިރުގައި އެޕޯސްޓުގައިވާ މަޢުލޫމާތަކީ ދީނުގައި އޮތް ގޮތާއި ޚިލާފު ވާހަކައެއް ކަމުގައި ވާނަމަ، އެޕޯސްޓް ޝެއަރ ކުރި މީހާ އެހުށަހެޅެނީ ވަރަށް ނުރައްކާތެރި ޙާލަތަކަށެވެ. އަޅުގަނޑުމެންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނާއި ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރާ ބައެއްގެ ގޮތުގައި އެ ވެގެންދަނީއެއެވެ.


ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.


(وَیَوۡمَ ٱلۡقِیَـٰمَةِ تَرَى ٱلَّذِینَ كَذَبُوا۟ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ ...)


{سورة الزمر : ٦٠}


މާނައީ: "ޤިޔާމަތް ދުވަހު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނާއި ބެހޭގޮތުން ދޮގު ހެދި މީހުންގެ މޫނުތައް ކަޅުވެގެންވާތަން ފެނިގެންދާނެއެވެ."


އެހެންކަމުން މި ވަޙީ ބަސްފުޅަށް ވިސްނާލާ، ޕޯސްޓްތައް ޝެއަރ ކުރާއިރު އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. އަޅުގަނޑުމެން ޕޯސްޓް ޝެއަރ ކުރާ ނިޔަތަކީ ކިތަންމެ ރަނގަޅު ނިޔަތެއް ކަމުގައި ވީނަމަވެސް، ކުރާ ޢަމަލު ގޯސްވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެންނަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އޭގެ ސަބަބުން ވާނީ ގެއްލުމެވެ.


އާދެ! ބިދުޢަވެރިން އެބައިމީހުން ހަދާ ބިދުޢަތަށްވެސް ހަދަނީ ވަރަށް ރަނގަޅު ނިޔަތެއްގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަޖުރު ލިބޭނެ ކަމަށް އެދިގެންނެވެ. އެހެނެއްކަމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ ޚިލާފުވުމުން އެކަމަކީ އެއީ ފައިދާހުރި ޘަވާބުލިބޭ ޢަމަލަކަށްވުމުގެ ބަދަލުގައި ގެއްލުންހުރި ޢަޛާބަށް ހުށަހެޅިގެންދާ ނުބައިކަމެއްގެ ގޮތުގައި ވެގެންދެއެވެ. މިކަން ބަޔާންކުރައްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.


(من عمل عملا ليس عليه أمرنا فهو رد)


{متفق عليه}


މާނައީ: "ތިޔަބައިމީހުން ޢަމަލެއް ކުރާއިރުގައި އެޢަމަލަކީ ތިމަންކަލޭގެފާނު އެންގެވިގޮތާ ޚިލާފަށް އޮތްކަމެއް ކަމުގައިވާނަމަ އެކަމެއްވާނީ ރައްދުވެގެންނެވެ."


އެހެންވީމާ އަޅުގަނޑުމެން ދީނާއިމެދުގައި އެކިއެކި މަޢުލޫމާތު ފަތުރާ އިރުގައި އަޅުގަނޑުމެންނަށް އެ ޝެއަރ ކުރެވޭ އެއްޗަކީ ޞައްޙަ އެއްޗެއްކަން ނޭނގޭ ކަމުގައި ވާނަމަ، އެކަމުގައި އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން އެކަމުގެ އަހުލުވެރިންނާއި އަހައި ސުވާލުކުރުމެވެ. އަދި އަޅުގަނޑުމެންނަށް އެހުމުގެ ފުރުޞަތު ނެތް ކަމުގައި ވާނަމަ، ނުރަނގަޅު އެއްޗެއް ޝެއަރ ކުރުމުގެ ނުރައްކަލަށް އަޅުގަނޑުމެންގެ ނަފްސު ހުށަހެޅުމަށްވުރެ، ގޮތް ނޭނގޭ އެއްޗެއް ޝެއަރ ނުކޮށް ހުރުން އަޅުގަނޑުމެންނަށް މާ ހެޔޮކަން ބޮޑުވާނެއެވެ.


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.


(من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت)


{متفق عليه}


މާނައީ: "ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާ ހެޔޮބަހެއް ބުނާށެވެ! ނުވަތަ ހަނުހުންނާށެވެ!"


އެހެންކަމުން ޝެއަރ ކުރެވޭ އެއްޗަކީ ރަނގަޅު އެއްޗެއް ކަމުގެ ޔަޤީންކަން ނެތް ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް ހަނުހުރުން މާ ހެޔޮކަން ބޮޑެވެ. އަދި އެއީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ކަންކުރާނެ ގޮތް ކަމުގައި މި ޙަދީޘްގައި ބަޔާންވެގެން އެބަވެއެވެ.


އެހެންވީމާ އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ޝެއަރ ކުރާ ޕޯސްތްތަކުގަޔާއި ސޯޝަލް މީޑިއާގައި ނުވަތަ އެނޫން އެހެން ތަނެއްގައިވިޔަސް ލިޔާ ލިޔުންތަކުގައި ދީނާ ބެހޭގޮތުން ނޭނގޭ ވާހަކަ ދެއްކުމުން ދުރުހެލިވާ ބަޔަކަށްވާންވާނެއެވެ. އަދި ދީނީ ކަމެއްގައި އަޅުގަނޑުމެންނަށް ނޭނގޭ ކަމެއް އައިސްފި ކަމުގައި ވާނަމަ، ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރާނީއެވެ.


ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.


(... فَسۡـَٔلُوۤا۟ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ)


{سورة النحل : ٤٣}


މާނައީ: "ތިޔަބައިމީހުންނަށް ނޭނގޭ ކަމުގައިވާނަމަ ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރާށެވެ!"


މި ވަޙީ ބަސްފުޅަށް ބޯލަނބާ ޢަމަލުކުރާ ބަޔެއްކަމުގައި އަޅުގަނޑުމެންވާން އެބަޖެހެއެވެ.