ކޮރޯނާގެ ސަބަބުން ގެތަކުގައި ތިބެން ޖެހިފައިވާ މިދުވަސްވަރުގައިވެސް ޢީދު ދުވަހުގެ ސުންނަތްތައް އަދާ ކުރެވިދާނެވެ. އެގޮތުން ޢީދު ދުވަހުގައި ޢީދު ނަމާދުގެ އިތުރުން އަދާ ކުރެވިދާނެ ބައެއް ސުންނަތްތައް ޒިކުރު ކޮއްލާނަމެވެ.
ތަކްބީރު ކިޔުން:
ޢީދު ދުވަހު ތަކްބީރު ކިއުމަކީ ޢީދު ދުވަހުގެ އެންމެ މާތްވެގެންވާ އެއްސުންނަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَلِتُكَبِّرُواْ اللّهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُون﴾ (البقرة :185) މާނައީ: “އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމަށްޓަކައި ﷲ އަށް ތަކުބީރުކިޔައި އުޅުމަށެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށެވެ.“ ފިޠުރު ޢީދު ދުވަހުގައި ތަކްބީރު ކިއުން ޝަރުވެގެންވާކަމަށް މިއާޔަތުން ދަލީލު ލިބޭ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.
އެގޮތުން ފިޠުރު ޢީދުގައި ތަކްބީރު ކިއުން ވަނީ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ނަމާދު ފެށުމާ ހަމައަށެވެ. އެގޮތުން މިސްކިތްތަކުގައާއި ގެތަކުގައާއި މަގުތައް މަތީގައާއި ބާޒާރު ތަކުގައާއި މީހުން އެއްވެ އުޅޭ ތަންތާނގައި ތަކްބީރު ކަމަކީ ސުންނަތެކެވެ. އެހެންކަމުން ލޮކްޑައުންގެ މިހާލަތުގައި ގޭގައިވެސް ތަކްބީރު ކިޔިދާނެވެ.
ޢީދު ދުވަހުގައި ތަކްބީރު ކިއުމަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ސުންނަތްވެގެންވާ ކަމެކެވެ. އެގޮތުން އަޑު ހަރުކޮށް ތަކުބީރު ކިޔުމީ ފިރިހެނުންނަށް ސުންނަތް ވެގެންވާ ކަމެކެވެ. ހިލޭ ފިރިހެނުންނަށް އަޑުއިވޭ ހިސާބުގައި އަންހެން ކަނބަލުން އަޑު ހަރުކޮށް ތަކުބީރު ކިޔުމެއް ނުވެއެވެ. އަންހެން ކަނބަލުން ތަކްބީރު ކިޔާނީ އަޑުހަރުކުރުމެއް ނެތިއެވެ.
ތަކްބީރު ކިޔިދާނެ ބައެއް ޞީޣާތައް:
މިއިން ކޮންމެ ޞީޣާ އަކުންވެސް ތަކްބީރު ކިޔިދާނެވެ. އަދި ދިވެހިންގެ ތެރޭގައި މަޝްހޫރު ބޮޑު ތަކްބީރުވެސް ކިޔިދާނެވެ.
ހިނައިގަތުން
ޢީދު ނަމާދަށްޓަކައި ފެންވަރައި ހިނައިގަތުމާއި، ނިޔަފަތި ކެނޑުމާއި، ފޫޅުންތިރީގެ އިސްތަށި ބޭލުމާއި، ކިހިލަފަތުގެ އިސްތަށި އުފުރުމާއި މަތިމަސް ކޮށުމަކީ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ޢީދު ދުވަހުގައި ހިނައިގަންނަވާކަމަށް ރިވާވެގެންވެއެވެ. އަދި މިކަމަކީ މަތިވެރި ޞަޙާބީންގެ ކިބައިންވެސް ޘާބިތުވެގެންވާ ކަމެކެވެ. އެގޮތުން އިބްނު ޢުމަރު رضي الله عنه ފިޠުރު ޢީދު ދުވަހު ނަމާދަށް ނިކުމެވަޑައިގަތުމުގެ ކުރިން ހިނައިގަންނަވާކަމަށް ރިވާވެގެންވެއެވެ.
އަދި ހަމަ އެހެންމެ ޢަލީ رضي الله عنه އާ މީހަކު ސުވާލު ކުރިއެވެ. “ތިމަންނަ ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ހިނައިގަނެވިދާނެތޯއެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. ހިނައިގަތުންވާ ދުވަސްތަކުގައި ހިނައިގަންނާށެވެ. އެދުވަސްތަކަކީ ހުކުރުދުވަހާއި، ޢަރަފާތް ދުވަހާއި، ނަޙްރުގެ ދުވަހާއި އެބަހީ :ޢަޟްޙާ ޢީދު ދުވަހާއި، ފިޠްރު ޢީދު ދުވަހެވެ. " މިބަސްފުޅުންވެސް ޢީދު ދުވަހުގައި ހިނައިގަތުމަކީ ޝަރުޢުވެގެންވާ ކަމެއްކަން އެނގެއެވެ. އަދި ޢީދު ނަމާދަށް ހިނައިގަތުމަކީ ސުންނަތެއް ކަމަށް ޢިލްމުވެރިން އިއްތިފާގުވެލައްވާފައިވާ ކަމަށް އިމާމު ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ޢީދު ދުވަހާއި ހުކުރު ދުވަހަށް ތުނބުޅި ބޭލުކަމީ ސުންނަތެއް ނޫނެވެ. އަދި ކިއެއް އެއީ ސުންނަތާ ޚިލާފު ކަމެކެވެ.
އަތުގައިވާ އެންމެ ރީތި އެންމެ އާ ފޭރާންލުން
ޢީދު ދުވަހުގައި އަތުގައިވާ އެންމެ ރީތި ފޭރާން ލުމަކީ ޢީދުގެ ސުންނަތް ތަކުގެ ތެރެއިން ސުންނަތެކެވެ. އިމާމު ބުޚާރީ އެކަލޭގެފާނުގެ ޙަދީޘް ފޮތުގައި “ޢީދު ދެދުވަހާއި އެދެދުވަހުގައި ނަލަހެދުމުގެ ބާބު" ގެ ނަމުގައި ބާބެއް ގެންނަވާފައިވެއެވެ. އަދި ޖާބިރު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ޢީދުދުވަހާއި ހުކުރުދުވަހު ތުރުކުރެއްވުމަށް ނަބިއްޔާ ﷺ ޖުއްބާއެއް ގެންގުޅުއްވިއެވެ.“ (صحيح ابن خزيمة) އަދި ހަމަ އެހެންމެ އިބްނު ޢުމަރު رضي الله عنه ޢީދު ދުވަހު ޢަމަލު ކުރައްވާ ގޮތް ބަޔާން ކުރައްވަމުން މަތިވެރި ތާބިޢީ ނާފިޢު رحمه الله ވިދާޅުވެފައިވެއެވެ. " އަދި އެކަލޭގެފާނު އެންމެ ރީތި ހެދުން ތުރުކުރައްވަ އެވެ. އަދި އެންމެ މީރުވަސްދުވާ އަތަރެއް ބޭނުންކުރައްވަ އެވެ."
ހުވަނދުލުން
ޢީދު ދުވަހު އަތަރާއި ހުވަނދުލުމީ ޢީދުގެ އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އިބްނު ޢުމަރު رضي الله عنه ޢީދު ދުވަހުގައި އަތަރު ބޭނުން ކުރައްވާ ކަމަށް މަތިވެރި ތާބިޢީ ނާފިޢު رحمه الله ގެ އަރިހުން ރިވާވެގެންވެއެވެ. އަދި އިބްނު ރަޖަބް رحمه الله ވިދާޅުވެފައި ވެއެވެ. “އަލްއިމާމް މާލިކް ވިދާޅުވިއެވެ. "سمعت أهل العلم يستحبون الزينة والطيب في كل عيد" (“فتح الباري” لابن رجب) މާނައީ: “ ޢިލްމުގެ އަހުލުވެރިން ކޮންމެ ޢީދެއްގައިވެސް ޒީނަތްތެރިވެ ހުވަނދުލުން ސުންނަތެއްކަމުގައި ދެކިލައްވާ ކަމުގައި ތިމަންނަ އަޑުއެހީމެވެ.“
އެހެންނަމަވެސް އަންހެން ކަނބަލުން ހިލޭ ފިރިހެނުންގެ ތެރެއަށް ނިކުންނައިރު ސެންޓުޖެހުމާއި އަތަރު ލުމަކީ ހުއްދަ ކަމެއް ނޫނެވެ.
ފިޠުރު ޢީދު ނަމާދުގެ ކުރިން އެއްޗެއް ކެއުން
ފިޠުރު ނަމާދުގެ ކުރިން އެއްޗެއް ކެއުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެގޮތުން އޮނަހިރި އަދަދަކަށް ކަދުރު ކެއުމަކީ ސުންނަތެކެވެ. އަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. “كان رسول الله صلى الله عليه وسلم لا يغدو يوم الفطر حتى يأكل تمرات ويأكلهن وترا“ މާނައީ: “ރަސޫލުﷲ صلى الله عليه وسلم ފިޠުރުޢީދުގެ ހެނދުނުގެ ނާސްތާ، ކަދުރުން މެނުވީ ބައްލަވާނުގަންނަ ކަމުގައި ވެއެވެ. އެކަލޭގެފާނު ވިތުރިކޮށް (އޮނަހިރިކޮށް) ކަދުރު ފަރިއްކުޅުއްވައެވެ.”
އެހެންކަމުން ފިޠުރު ޢީދު ގޭގައި ކުރިނަމަވެސް ނަމާދުގެ ކުރިން އެއްޗެއް ކެއުމަކީ، ޚާއްސަކޮށް ކަދުރުކޮޅެއް ކެއުމަކީ ސުންނަތެެކެވެ.
ޢީދުގެ ތަހްނިޔާ ކިޔުން.
ޢީދު ދުވަހަކީ އުފާފާޅުކޮށް އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ކިޔުމުގެ ދުވަހެކެވެ. އެގޮތުން މަތިވެރި ޞަޙާބީން رضي الله عنهم ވެސް ތަހުނިޔާކިޔުއްވާ ހެޔޮދުޢާ ކުރައްވާ ކަމުގައިވެއެވެ. ޞަޙާބީ ބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ތަހްނިޔާ ކިޔުމުގެ ގޮތުން “تَقَبَّلَ اللهُ مِنَّا وَمِنْكُم" މާނައީ: "ތިމަންމެންގެ ކިބައިންނާއި ތިޔަބައިމީޙުންގެ ކިބައިން ﷲ (ހެޔޮޢަމަލުތައް) ޤަބޫލު ކުރައްވާށިއެވެ." މިފަދައިން ވިދާޅުވާ ކަމުގައިވެއެވެ. ލޮކްޑައުންގެ މިހާލަތުގައި އެކަކު އަނެކަކަށް ޒިޔާރަތްކޮށް ތަހްނިޔާ ކިޔުމަށް ޢުޒުރުވެރިވި ނަމަވެސް ގޭގައި ތިބެގެން ފޯނުން ގުޅައިގެން ތަހްނިޔާ ކިޔިދާނެއެވެ. އެއީ ގުޅުން ބަދަހިވެ އެކުވެރިކަން އާލާވާނެކަމެކެވެ.
ހުއްދަ ކުޅިވަރު ކުޅުމާއި އުފާފާޅުކުރުން.
ޢީދު ދުވަހުގައި އުފާފާޅުކޮށް ކުޅިވަރުކުޅުމަކީ ހުއްދަކަމެކެވެ. އެހެނީ ޢިދުދުވަހަކީ މުސްލިމުންނަށް އަހަރުގައި އަންނަ އެންމެ އުފާވެރި ދުވަހެވެ. އެހެން ނަމަވެސް ކުޅިވަރު ކުޅެ އުފާފާޅުކުރަންވާނީ ދީނުގެ އިމުގެ ތެރެއިންނެވެ. ދީނުގެ އިމުގެ ތެރެއިން ހުއްދަ ލަވަ ނުވަތަ މަދަހަ ކިއުމާއި ހިލޭ އަންހެނުނަނާއި ފިރިހެނުން މަސްހުނި ނުވާގޮތަށް ކުޅިވަރު ކުޅުމަކީ މަނާކަމެއް ނޫނެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމަށް ތާރަ ޖެހުމާއި ޅެން ކިއުމަކީ އަންހެނުންނަށް ހުއްދަ ކަމެކެވެ. ގޭގައި ގޭގެ އަހުލުވެރިންގެ މެދުގައި ކުޅިވަރު ކުޅެ އުފާފާޅުކުރެވިދާނެވެ. އަދި ޢީދުގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދަމަހައްޓަން މަސައްކަތް ކުރަންވާނެވެ.
والله أعلم
17 ނޮވެމްބަރ 2023
14 ޖުލައި 2023
23 ޖޫން 2023
19 މެއި 2023
10 ފެބްރުއަރީ 2023
09 ޖެނުއަރީ 2023
09 ޑިސެމްބަރ 2022
18 ނޮވެމްބަރ 2022
04 ނޮވެމްބަރ 2022
10 ސެޕްޓެމްބަރ 2022