ލޮލުގެ ޚިޔާނާތް | އައްޝައިޚް އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު


ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ﷲ ސުބުޙާނަހޫ ވަތަޢާލާއީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު ފާޅުގައި ކުރާކަމެއްކަމުގައިވިޔަސް ސިއްރިޔާތުގައި ކުރާކަމެއް ކަމުގައިވިޔަސް އެ އިލާހު ސުބުޙާނަހޫ ވަތަޢާލާއަށް އެއިން ކޮންމެ ކަމެއް ދެނެވޮޑިގެންވެއެވެ. އަދި ބައްލަވާ ވޮޑިގެންވެއެވެ. އެއީ ފާޅުވެ، ހާމަވެ، ޢާއްމުވެގެންވާކަމެއް ފަދައިންނެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންނުވާ ގޮތެއްގައި ސިއްރިޔާތުގައިވެސް އަދި ފާޅުގައިވެސް އެއްވެސްކަމެއް އަޅުގަނޑުމެންގެ އެއްވެސް ގުނަވަނަކުން ނުކުރެވޭނެއެވެ.  އެއީ ހިތުން ކަމުގައިވިޔަސް، އަދި ކަންފަތުންކަމުގައިވިޔަސް، އަދި ލޮލުންކަމުގައިވިޔަސް މެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ


﴿يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ﴾ سورة غافر ١٩


ލޮލުގެ خيانة ތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ.


އެހެންކަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން އައިސްފައިވެއެވެ. މިތަނުގައި خَآئِنَةُ ٱلْأَعْيُن ނުވަތަ خَآئِنَةَ ٱلْأَعْين )ލޮލުގެ މިޚިޔާނާތު( ގެ މާނައަކީ، ނުވަތަ ތަފްސީރަކީ، މީހާގެ ކިބައިން ޤައުމަށް، ނުވަތަ ޖަމާޢަތަށް ނުވަތަ މީސްތަކުންނަށް އޭނައަކީ ލޯ ރައްކާތެރިކުރާ ނުވަތަ ބެލުން ތިރިކުރާ, އެކަމަށް ރައްކާތެރިވާ މީހެއްގެ ގޮތުގައި ފެންނަކަމުގައެވެ. އެހެންނަމަވެސް އޭނާއަކީ ލިބޭ ކުޑަކުޑަ ފުރުޞަތެއްގައިވެސް އޭނާގެ ޤައުމާއި، ޖަމާޢަތަށް ނުވަތަ މީސްތަކުންނަށް ސިއްރިއްޔާތުގައި  ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކަންކަމަށް ނަޒަރު ހިންގާ މީހާއެވެ. ޚާއްސަކޮށް ތަފްސީރުގައި ގެންނަވަނީ ހިލޭ އަންހެނުންގެ ވާހަކައެވެ.


މިއަދު އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ބެލުންތަކުން ލޯ ރައްކާތެރި ކުރުމަށް އިހުގެ ސަލަފުވެރި ބޭކަލުންނަށްވުރެ ބުރަ މަސައްކަތްތަކެއް އެބަ ކުރަންޖެހެއެވެ. މިއަދު އަޅުގަނޑުމެން މިދެކޭ ދުނިޔެއަކީ މުޅި އިންސާނިއްޔަތުގެ ތެރެއަށް ޢާއްމުވެ ފެތުރިގެންދާނެ ގޮތުގައި ފިތުނަތަށް ބޮޑު ދުވަސްވަރެއްކަމުގައިވެފައިވީ ހިނދުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތްލައްވަވައިފި އަޅަކު މެނުވީ އެއިން ހަމަ އެއްވެސްމީހަކު ސަލާމަތްވެގެންނުދާނެއެވެ. އޭރާ އަޅާބަލާއިރު އަޅުގަނޑުމެންގެ މައިންބަފައިންނާ ނުވަތަ ކާބަފައިންނާއި ހަމައަށް އަޅުގަނޑުމެން ނަޒަރު ހިންގާލިކަމުގައިވިޔަސް އޭގެތެރެއިން މީހަކު 40 އަހަރު ނުވަތަ 50 އަހަރުގެ ޙަޔާތުގައި އެބައިމީހުންގެ ލޮލުން ނުދެކޭފަދަ ފާފަވެރި ޢަމަލުތައް އަޅުގަނޑުމެންގެ ތެރެއިން ކުއްޖެއްގެ ލޮލުން ރޭގަނޑެއްގެ ހިނދުކޮޅެއްގެ ތެރޭގައި، އޭނާ އެކަނިމާއެކަނި އިނދެ ބަލާފާނެއެވެ. އެފަދަ ފާފަތަކަށް އަރައިގަތުމުގެ މަގު މިވަނީ ދާދި ފަހިވެފައެވެ. އެހެންވެ އެކަންކަމުން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވަރުގަދަ ވަޞީލަތްތަކެއްގައި ހިފަންޖެހެއެވެ. ނޫންނަމަ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ އެފަދަކަމެއްގެ ތެރެއަށް ގެބިގެން ހިނގައިދާނެ މީހެކެވެ.


 ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޙަޤީޤަތުގައި ލޮލުގެ ނަޒަރަކީ ނުވަތަ ބެލުމަކީ ނުވަތަ ލޮލަށް ފެންނަފެނުމަކީ  އެއީ އާދަމުގެދަރިޔާގެ ޚިޔާލުގެ ތެރެއަށް ނުވަތަ އޭނަގެ ހިތުގެ ތެރެއަށް މެސެޖު ފޮނުވައިދޭ އެންމެ ވަރުގަދަ ވަޞީލަތެވެ. އޭނަގެ ހިތުގެ ތެރެއަށް ވަދެވޭ އެންމެ ވަރުގަދަ އެންމެ ބޮޑު ގޭޓެވެ. އޭނާގެ ލޯ ރައްކާތެރި ކުރެވިއްޖެކަމަށްވާނަމަ އޭނަގެ ހިތް ސަލާމަށްކުރެވޭނެއެވެ. އޭނާގެ ލޯ ޙައްދެއްނެތި ދޯކޮށްލެވިއްޖެ ކަމަށްވާނަމަ ނުވަތަ އޭނަގެ ބެލުން ހިފެއްހެއްޓުމެއްނެތި ދޫކޮށްލެވިއްޖެކަމުގައިވާނަމަ އެކަމުގެ ސަބަބުން އޭނަގެ ހިތް ފަސާދަވެގެންދާނެއެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ ހަމަ އޭނާގެ ލޮލެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢލައިހި ވަސައްލަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެއްވަވާފައި މިވާ ފުރިހަމަ ޝަރީޢަތުގެ ފަރާތުން މީސްތަކުން ތަރުބިއްޔަތު ކުރައްވާފައިވަނީ ބެލުންތައް ތިރިކުރުމުގެ މައްޗަށެވެ. އެހެންކަމުން النور ސޫރަތުގެ 30ވަނަ އާޔަތާއި  31 އަނގަވާފައިވާ އެންގެވުމުގެ ކުރިން ﷲ ސުބުޙާނަހޫވަތަޢާލާ އަޅުގަނޑުމެން އީމާންކަމުގެ އަހުލުވެރިންނަށް ނިދާ އިއްވަވާފައިވެއެވެ.


﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ ﴾ سورة النّور ٢١


"އޭ އީމާންވެއްޖެ މީސުތަކުންނޭ! ތިޔަބައިމީހުން ޝައިޠާނާގެ ކެހިވެރި ފިޔަވަޅުތަކަށް ތަބަޢަނުވާށެވެ."


އެހެންކަމުން ފަހަތުން މިއަންނަނީ ޝައިޠާނާގެ ކެހިވެރި ފިޔަވަޅުތަކެކެވެ. އޭނާގެ ކެހިވެރި ރޭވުންތަކެއްގެ ޚަބަރެވެ. އެކަންކަމުގައި އަޅުގަނޑުމެން މުއުމިނުންކަމުގައިވީހިނދު ރައްކާތެރިވެ ތިބެންޖެހެއެވެ. އޭރުން ސޫރަތް ފެށުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޛިކުރު ކުރައްވާ ކަނޑައަޅުއްވާފައިވާ ކަންކަމުން އަޅުގަނޑުމެންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ލިބިގެންދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިސޫރަތުގައިވަނީ ވަރުގަދަ އެންގެވުންތަކެއް އަންގަވާފައިވެއެވެ. މިސޫރަތުގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅުއްވަވާފައެވެ. ޒިނޭކުރާމީހާގެ ޙައްދު ކަނޑައަޅުއްވާފައިވެއެވެ. ބެލުންތިރިކުރުމަށް އަންގަވާފައިވެއެވެ. ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަނުވުމަށް އަންގަވާފައިވެއެވެ. ޤަޛުފުގެ ނުބައިކަމާއި އެކަމަކީ އެއީ މީސްތަކުންގެ މެދުގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތަކަށް ހިތްވަރު ލިބިދާނޭ ކަމެއްކަމުގައިވާތީ އަދި މީސްތަކުންގެ އަބުރު ގެއްލި ހިނގައިދާނެ ކަމެއްކަމުގައި ވާތީ ޤަޒުފުގެ ޙުކުމް ކަނޑައެޅިގެންދިޔައެވެ. ހަމައެހެންމެ މުއުމިނުންގެ މެދުގައި ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ފެތުރުމަށް ލޯބިކުރާ ފަރާތްތަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ހުރި ޢަޛާބު ދުނިޔެމަތީގައިވެސް ލިބިގެން ހިނގައިދާނެކަމުގެ ޚަބަރުވަނީ ދެއްވަވާފައެވެ. ހަމައެހެންމެ ނިވާވެ ޖިންސީ ގުނަވަންތައް، ޚާއްޞަގޮތެއްގައި އަންހެނާގެ ޢައުރަ ރައްކާތެރިކުރުމަށެވެ. އަދި ހަމައެހެންމެ ގެތަކަށް ވަދެ އުޅުމުގައި ހުއްދަހޯދާ ސަލާމްގޮވާ އިޒުނަ ލިބިގަތުމަށްވެސް ވަނީ މިސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފަވެއެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތުގައި މިވަނީ އިންސާނުން ހުރިހާ ފަރާތްތަކުން ރައްކާތެރިކޮށްދިނުމުގެ މަތިވެރި ނިޒާމެއް ކަނޑައަޅުއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ  ވަޙީކުރައްވާފައިވެއެވެ.


﴿قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ﴾ سورة النّور ٣٠


މާނައީ: مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!


ވީމާ އަޅުގަނޑުމެންނަށް އެނގިގެންމިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ ޚަލްޤުކުރައްވާފައިވާ ގޮތުން ނުވަތަ އިންސާނާގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން އެބައިމީހުންނަށް އަބަދު ލޯމަރައިގެން ނުބަލައެއް ނޫޅެވޭނެކަމެވެ. އެހެންނަމަވެސް ބެލުމުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ ތިމާގެ ޙާޖަތަށް ބަލަންޖެހޭ ބެލުންތައް ފިޔަވައި އެއިލާހު ޙަރާމްކުރެއްވި ކަންކަމުން ދުރުހެލިވާންޖެހޭކަމެވެ. މިއާޔަތުން އަޅުގަނޑުމެންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެއަންގަވަނީ ތިމާއަށް ފެންނަ ކަންކަމުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކަންކަމުން ތިމާގެ ނަޒަރު ދުރުކުރުމަކީ މުއުމިނު ފިރިހެނެއްކަމުގައިވިޔަސް އަދި މުއުމިނު އަންހެނެއްކަމުގައި ވިޔަސް ފަރުވާތެރިވާންޖެހޭނެ ކަމެއްކަމުގައެވެ. އެހެންވީމާ ކޮންމެހެން މީހަކު އޭނަ ހިނގާފައިދާ މަގު ބަލަންޖެހި، އެމަގުމަތިން އޭނާގެ ނަޒަރަށް ހުއްދަވެގެންނުވާ މަންޒަރެއް ފެންނަ ހިނދުގައި އޭނާ އެ ހުއްދަވެގެންނުވާ ނަޒަރަކުން ނުވަތަ މަންޒަރަކުން އޭނާގެ ބެލުން އެއްކައިރި ކުރުމަށް މިވަނީ އަންގަވާފައެވެ.


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޞަޙާބީ ބޭކަލުން މިކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން އެކަލޭގެފާނުވަނީ އެބޭކަލުންނަށް އެކަމުގެ ތަރުބިއްޔަތު ދެއްވަވާފައެވެ. އިސްލާމްދީނުގައި މިއީ ކިހާ ރިވެތި ގޮތެއްތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައި މިއަދު މިވަނީ އަޅުގަނޑުމެންގެ ނަޒަރުތައް އެއްވެސް އިމެއް، ޙައްދެއްނެތި ދޫކޮށްލެވިފައެވެ. އެއީ ޓީވީގެ ސްކްރީނަށް ކަމުގައިވިޔަސް ނުވަތަ ބަލާލެވޭ ފޮތެއް ނުވަތަ މަޖައްލާއެއް ކަމުގައިވިޔަސް ނުވަތަ އިޝްތިހާރަކަށް ކަމުގައިވިޔަސް ނުވަތަ ތިމާ ގެންގުޅޭ ލެޕްޓޮޕް ނުވަތަ ތިމާ ގެންގުޅޭ ޓެބް ނުވަތަ ތިމާގެ އަތުގައި އޮންނަ ފޯނުކަމުގައިވިޔަސް  ނުވަތަ މަގުމަތިން ހިނގާބިނގާވެ އުޅޭ މީސްމީހުންގެ ފަރާތުން ކަމުގައިވިޔަސްމެއެވެ. ތިމާގެ ނަޒަރަށް އެއްވެސް ޙައްދެއް ނެތުމުގެ ނަތީޖާއަކީ މުޖުތަމަޢުގެ ތެރޭގައި އެ ނަޒަރުތަކުގެ ސަބަބުން ފާޙިޝް ޢަމަލުތަކަށް މަގުފަހިވެގެންދިޔުމެވެ.  


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޞަޙާބީބޭކަލުން ސުވާލުކުރައްވަވައެވެ. ތިމަންބޭކަލުން ބެލުން ތިރިކުރުމަށް އަންގަވާފައިވީ ހިނދުގައި މިސާލަކަށް ތިމަން ބޭކަލުންގެ ތެރެއިން ބޭކަލަކަށް ކުއްލިއަކަށް ބެލުންއެކަށީގެންނުވާ މަންޒަރެއް ނުވަތަ ނިވާކަންކުޑަގޮތެއްގައި ހުރިއަންހެނެއްގެ ހަށިގަނޑުން މިންވަރެއް ފެނިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް އަމުރުކުރައްވަނީ ތިބާގެ ބެލުން އެއްކައިރިކުރާށެވެ. އެހެންވީމާ ފުރަތަމަ ފެންނަ ފެނުމާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލުދެންނެވުނީމާ އެކަލޭގެފާނު ޙަދީޘްކުރައްވަނީ


"‏…لاَ تُتْبِعِ النَّظْرَةَ النَّظْرَةَ…" جامع الترمذي  2777


އެއްބެލުމަށްފަހު އަނެއްބެލުން އެކަތި އަނެކައްޗާ ތަބަޢަނުކުރާށެވެ.


މާނައަކީ ފެންނަ ފެނުމަށްފަހުގައި ދެން އަނބުރާ ނުބަލާށެވެ. ފުރަތަމަ ފެންނަ ފެނުން ފެނުމާއެކުގައި ތިބާގެ ނަޒަރު ތިރިކުރާށެވެ. މާނައަކީ ފުރަތަމަ ފެނުން ތިބާއަށެވެ. އެއީ ފާފަވެރިވާނެކަމެއް ނޫނެވެ. ފުރަތަމަ ތިމާގެ ނަޒަރު ހުއްޓިއްޖެ ކަމަށްވާނަމަ ދެން އަވަހަށް އެނަޒަރު އެއްކައިރިކޮށްލާށެވެ. ދެން އަނބުރާ ޝައިޠާނާގެ ވަސްވާހުގައި ޖެހި  އިތުރަށް ނުބަލާށެވެ. ކޮންމެގޮތެއްގައިވިޔަސް ބެލުމުގެ މަތީގައި ދެމިހުރުމަށްފަހު އެބެލުމުން އޭނާގެ ނަޒަރު އެއްކިބާ ކުރުން އުނދަގޫވެއެވެ. ނަމަވެސް ބެލުން ތިރިކޮށްގެން އެގޮތުގެ މަތީގައި ޘާބިތުވެހުރުން އިންސާނާއަށް މާބޮޑަށް ފަސޭހަވެގެންވާނެއެވެ. އެހެންވީމާ ފެނުމާއި އެކުގައި އޭނަގެ ނަޒަރު އެއްކައިރި ކޮށްލުމަކީ އިއްފަތްތެރި ރައްކާތެރި ގޮތެއްކަމުގައި ވެގެންދެއެވެ. ބެލުން ތިރިކުރުން މިވަނީ އިންސާނާގެ ނަފްސުގެ މައްޗަށް އޭނައަށް ބާރުފޯރުވޭނެ ގޮތެއްކަމުގައެވެ. އެހެންވީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ، "‏...فَإِنَّ لَكَ الأُولَى.. ‏" ފުރަތަމަ ފެންނަ ފެނުން އެއީ ތިބާ ފާފަވެރިވާނެ ކަމެއްނޫނެވެ. އެހިސާބުން ތިބާގެ ބެލުން އެއްކައިރިކޮށްލާށެވެ. "‏... وَلَيْسَتْ لَكَ الآخِرَةُ ‏"‏ތިބާއަކަށް ދެން ބަލާބެލުމަކުން ސަލާމަތެއް ނުވެވޭނެއެވެ. މާނައަކީ ތިމާގެ މައްޗަށް އެކަމުގެ ސަބަބުން ފާފަލިބިގެންދާނެއެވެ."