ރިބާ: ވަރުގަދަ އިންޒާރެއް!


﴿وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ﴾ [سورة البقرة: 275]


މާނައީ: "ވިޔަފާރި ކުރުން ވަނީ، اللَّه ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ."


އެއީ މީގެ 1400 އަހަރަށްވުރެ ކުރިއެވެ. މި އުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) ބަޔާންކޮށްދެއްވަމުން ގެންދެވީ ޤިޔާމަތުގެ ޢަލާމާތްތަކެވެ. އެކަލޭގެފާނު ޚަބަރު ދެއްވަމުން ގެންދެވީ ކަންތައްތަކެއް މި އުންމަތުގެ މީހުން ފަހުޒަމާނުގައި ދެކޭނެކަމުގައެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.


"މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމް ގޮތުގައިތޯ ބަލާނުލާނޭ ޒަމާނެއް މީސްތަކުންނާއި ބައްދަލުކުރާނެކަން ކަށަވަރެވެ."


މި ބަސްފުޅާއިމެދު ތިބާ ކުޑަކުޑަ ވަގުތު ކޮޅަކަށް ވިސްނަވާލައްވާށެވެ. މިއަދު މީސްތަކުންވަނީ މުދާ ހޯދާ ޖަމާކުރުމާއި ބައްކުރުމުގައި ޙަލާލްތޯ ނުވަތަ ޙަރާމްތޯ ބެލުން ދޫކޮށްލާފައެވެ. ވައްކަންކުރުމާއި، ފޭރުމާއި، ހަށިވިއްކުމުން އެއްބަޔަކު ފައިސާ ހޯދަމުން ދާއިރު އަނެއްބަޔަކު މަސްތުވާތަކެތި ވިއްކުމާއި، ބަނގުރަލާއި އޫރުމަހުން ނަފާ ހޯދަމުން ގެންދަނީއެވެ. ރިޝްވަތު ހިފުމާއި މަކަރާއި ހީލަތުން އަނެއްބަޔަކު ޖީބުތައް ފުރަމުން ދާއިރުގައި ހުއްދަނޫން ތަފާތު ކުޅިވަރުތަކާއި މިޔުޒިކީ ހަރަކާތްތަކުން ލިބޭ މަންފާއިން އަނެއްބަޔަކު އާމްދަނީ ހޯދަމުން ގެންދަނީއެވެ.


ހަމަ މިގޮތަށް ބެންކުތަކުން ތަފާތު ނަންނަމުގައި ދޫކުރަމުންދާ ބަރު އަދި ލުއި ލޯނުތަކުގެ ނަމުގައި ރިބާގެ ނުރައްކާތެރި މުޢާމަލާތަށް ގިނަބަޔަކު މިއަދު ވަނީ ހުށަހޮޅިފައެވެ. ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކުރައްވާ އިތުރު އެކަލޭގެފާނު (ﷺ) ޙަދީޘް ކުރެއްވިއެވެ.


"ޤިޔާމަތާއި ދެމެދުގައި ރިބާ ފާޅުވާނެއެވެ."


އެގޮތުން ސުވާލަކީ ރިބާ ކާ މީހާއަކީ ކޮބައިތޯއެވެ؟ ރިބާ ކާ މީހާއަކީ މީހުންނަށް ދަރަނި ދީފައި، އެ ދަރަނި އަނބުރާ އަދާކުރާއިރު އިތުރު އެއްޗެއް އެ މީހާގެ އަތުން، އަތުލާ މީހާއެވެ. މި ޒަމާނަށް ބަލާއިރު ތަފާތު އެކި ބޭނުންތަކަށް ބޭންކުތަކުން ލޯނު ދީފައި އަދާކުރާއިރު ވަކި ޕަސެންޓެއް އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ދެއްކުން އެއީ ސާފު ރިބާއެވެ. އެ މުޢާމަލާތެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަށް މި އުންމަތުގެ މާތް ނަބިއްޔާގެ ދޫފުޅުން ލަޢުނަތް ދެއްވާފައިވާ މުޢާމަލާތެކެވެ. ސަޙީޙް މުސްލިމުގައި އައިސްފައިވާ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ.


ރިބާ ކާމީހާއާއި، ރިބާ ދޭމީހާއާއި، އެ ލިޔާ މީހާއާއި، އެކަމަށް ހެކިވެރިވާ ދެމީހުނަށް ރަސޫލުﷲ (ﷺ) ލަޢުނަތް ދެއްވިއެވެ.


އަދި ހަދީޘް ކުރެއްވިއެވެ.


"މި އެންމެންނަކީ ފާފައިގައި ހަމަހަމަ ބައެކެވެ."


އެހެންކަމުން ރިބާ ނައްތާލުމަކީ އެތައް ސަބަބު ތަކަކާއިހުރެ އިސްލާމީ އިޤުތިޞާދީ ނިޒާމުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ. އޭގެ ފާފައިގެ ބޮޑުކަމާއި ދުނިޔެމަތީގައި އަދި އާޚިރަތުގައި ވެސް ނިކަމެތިކަމާއި އަބާއްޖަވެރިކަން އޭގެ ސަބަބުން ލިބިގެންދާތީވެ ކީރިތި ޤުރުއާނުގައި ރިބާގެ އަހުލުވެރިން ޤިޔާމަތް ދުވަހު ތެދުވާނެގޮތް ބަޔާންކުރައްވައި ސިފަކޮށްފަވަނީ، ޝައިޠާނާ އެބައިމީހުންގެ ގައިގާ ބީހުމުގެ ސަބަބުން އަވަލާފައިވާ ބައެއްގެ ގޮތުގައެވެ.


ކީރިތި ޤުރުއާނުގެ ގަދަ އަމުރުފުޅުން ރިބާގެ އެންމެހާ މުޢާމަލާތްތައް ވަނީ ޙަރާމް ކުރައްވާފައިވެއެވެ. އަދި އުންމަތުގެ ހުރިހާ ޢިލްމުވެރިންގެ އިޖުމާޢު އެކަމުގެ މައްޗަށް ވަނީ ގެންނަވާފައެވެ.


ހިތާމަޔަކީ މިފަދަ ނުރައްކާތެރިގޮތަކަށް އަމުރުފުޅުތައް އައިސްފައިވާއިރު ވެސް މީސްތަކުން މި ރިބާގެ މުޢާމަލާތްތަކާމެދު ފަރުވާ ކުޑަކޮށްފަވާކަމެވެ. ވިޔަފާރިއެއް ފެށުމަށް، ނުވަތަ ކޮންމެވެސް ޢިލްމެއް އުނގެނުމަށް، ނުވަތަ ގެދޮރު އިމާރާތްކުރުމަށް ރިބާގެ ލޯންތަކުގައި ސޮއިކުރަމުންދަނީ ރިޒުޤުދެއްވާ އިލާހުގެ އަމުރުފުޅައް ބެލުމެއްނެތިއެވެ.


އެތައްބަޔަކު ބަނގުރޫޓުވެ، އެބައިމީހުންގެ މުދާތައް އަތުލެވި މި ރިބާގެ އަލިފާނުގެ މަޅީގައި ޖެހެމުންދާތަން ކޮންމެ ދުވަހަކު ލޯކުރިމަތިން ފެންނަމުންދާއިރު ވެސް މީސްތަކުން މި ވަނީ ޙަރާމް އިންތައް ފަހަނައަޅައި ގޮސްފައެވެ. ކަމަކީ ﷲ سُبْحَانَهُ وَ تَعَالَى އާއި ރަސޫލުﷲ (ﷺ)ގެ ފަރާތުން އެ ރިބާ ހުއްޓާ ނުލައިފިނަމަ ހަނގުރާމަކުރުން އަމުރުކުރައްވާފާނެ ކަމުގެ ޚަބަރު ޤުރުއާނުގައި ދެއްވާފައިވާ ނުރައްކާތެރި ކަމެކެވެ.


﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ﴾ [سورة البقرة: 278]


"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ! އަދި، ތިޔަބައިމީހުން މުއްމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!"


﴿فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ﴾ [سورة البقرة: 279]


"ފަހެ، ތިޔަބައިމީހުން (ނަށް އަމުރުވެވިގެންވާ ގޮތަށް) ޢަމަލް ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ ތައުބަ ވެއްޖެނަމަ ތިޔަބައިމީހުންގެ ރައްސުލްމާލްތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ."


ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ރިބާގެ މި ބޮޑު ފާފައިގެ މައްޗަށް އަރައިގަތުމުގެ ކުރީގައި ތިބާ ވިސްނަވާށެވެ. ﷲގެ ދަރުބާރާއި ތިބާ ބައްދަލުކުރާއިރު ދުނިޔެމަތީގައި ރިބާގެ މުޢާމަލާތުގެ ތެރޭގައި ތައުބާނުވެ ވަނިކޮށް މަރުވެފައިވާ ޙާލު ތިބާ ބައްދަލުކުރަން ޖެހިއްޖެނަމަ ދައްކާނީ ކޮން އުޒުރެއްތޯއެވެ؟


ޙަރާމް ފައިސާއިން ތިބާގެ ބަނޑު ފުރަމުން ނުދާށެވެ. އަދި ތިބާގެ އަނބި ދަރިންނަށް ޙަރާމް ތަކެތި ކާންދީ ނުހަދާށެވެ. އަދި ތިބާ ބޯހިޔާވަހިކަން ހޯދާ އެތަނެއްގައި ތިޔަ ނިދާ ތަނަކީ ޙަރާމް ފައިސާއިން ބިނާކޮށްފައިވާ ތަނެއްކަމުގައި ނުހަދާށެވެ.


އިސްރާއާއި މިޢުރާޖުގެ ރޭގައި އިތުރު އެކަލޭގެފާނަށް ފެނިވަޑައިގަން މި މަންޒަރާމެދު ތިބާ ވިސްނަވާށެވެ. އެކަލޭގެފާނު ދިގު ޙަދީޘެއްގައި ބަޔާންކޮށްދެއްވިއެވެ.


"އަދި ކޯރުގައި ފަތަމުން ހިލަތައް ދިރުވަމުން ދިޔަ މީހާއާއި މެދު ތިބާ ދަންނާށެވެ. ފަހެ ހަމަ ކަށަވަރުން އެއީ ރިބާ ކާމީހާއެވެ."