ފަތިސް ނަމާދު: އުފާވެރިކަމުގެ 10 ޚަބަރެއް (ދެވަނަ ބައި) | އައްޝައިޚް ސާޖިދު މުޙައްމަދު


ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ: ((مَنْ صلى الفجرَ ثم جلس في مُصلَّاه صلتْ عليه الملائكةُ وصلاتُهم عليه : اللهم اغفرْ له اللهم ارحمْه)) (رَوَاه أحمد) މާނައީ: "ފަތިސްނަމާދު ކުރުމަށްފަހު، އޭނާ ނަމާދުކުރި ތަނުގައި އިންނަމީހާއަށް މަލާއިކަތުން ޞަލަވާތް ލައްވަތެވެ. އޭނާއަށް މަލާއިކަތުން ޞަލަވާތް ލެއްވުމަކީ : ﷲ އޭނާއަށް ފާފަ ފުއްސަވާނދޭވެ. ﷲ އޭނާއަށް ރަޙްމަތް ލައްވާނދޭވެ. (މިފަދައިން ދުޢާ ދެންނެވުމެވެ.)"


އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކާކުތޯ މިކަމަށް ބޭނުން ނުވާނީ؟ އަޅުގަނޑުމެންގެ ތެރެއިން މިކަމަށް ޙާޖަތްތެރިނުވާނެ އެއްވެސް މީހަކު ނުވެއެވެ. އެހެންވީމާ ފަތިސްނަމާދުގެ ޖަމާޢަތަށް އަޅުގަނޑުމެން ރައްކާތެރިވެއްޖެ ކަމަށްވާނަމަ މިއީ ވަރަށް ފަސޭހަކަމާއެކު އަޅުގަނޑުމެންނަށް ހޯދައިގަނެވިދާނެ ހެޔޮކަމެކެވެ.


ހަތްވަނަ ކަމަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ: ((مَنْ صَلَّى الْفجرَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ، ثُمَّ صَلَّى رَكْعَتَيْنِ، كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ، تَامَّةٍ، تَامَّةٍ، تَامَّةٍ))  (رواه الترمذي) މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަޢުޢަތް ނަމާދެއް ކޮށްފިމީހާއަށް ފުރިހަމަ ޙައްޖަކާއި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ."


އެހެންވީމަ އަޅުގަނޑުމެން މި ދަރުމަޔާ ޘަވާބު ޙާޞިލްކުރަން ބޭނުންވާކަމުގައިވާނަމަ ފަތިސް ނަމާދަށް ރައްކާތެރިވާންޖެހެއެވެ. ގާތްގަނޑަކަށް ބާވީސް ވަރަކަށް ހާސް ރުފިޔާ ޚަރަދުކޮށްފައި ޢުމްރާއަށް ދިޔުމަކީ އަޅުގަނޑުމެންނަށް ފަސޭހަކަމަކަށް ނުވާނެއެވެ.  އަދި އަޅުގަނޑުމެންނަށް މުޅި އުމުރުގައިވެސް ޙައްޖުވުމަށް ގިނަފަހަރު މިލިބެނީ އެންމެ ފުރުޞަތެކެވެ. އެއީ ގާތްގަޑަކަށް  ހަތްދިހަ އެތަށްހާސް، ނުވަތަ އަށްޑިހަ އެތަށްހާސް ރުފިޔާއެއް ޚަރަދުކުރުމަށްފަހުގައެވެ. މިފަދަ ފުރުޞަތެއް އަޅުގަނޑުމެންނަށް ފަސޭހައިން ނުލިބޭއިރުގައި މި މަތިވެރި ދަރުމަޔާ ޘަވާބު ޙާޞިލްކުރުމަށް އަވަސްވެ ނުގަންނަންވީ ކީއްވެހެއްޔަވެ؟


އަށްވަނަ ކަމަކަށް ފަތިސް ނަމާދަށް ރައްކާތެރިވާ މީހާއަށް ދެއްވާ އުފާވެރިކަމުގެ ޚަބަރެއްގެ ގޮތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ: ((لن يَلِجَ النَّارَ أحدٌ صلَّى قبلَ طُلوعِ الشَّمسِ وقبلَ غُروبِها»؛ يعني: الفجرَ والعصرَ))  (رَوَاه مسلم) މާނައީ: "އިރު އެރުމުގެ ކުރިންނާއި އަދި އިރު އޮއްސުމުގެ ކުރިން ނަމާދު ކޮށްފި އެކަކުވެސް ނަރަކައަށް ނުވަންނަ ހުއްޓެވެ. ޔަޢުނީ : ފަތިސްނަމާދާއި ޢަޞްރު ނަމާދެވެ."


އެހެން ޙަދީޘެއްގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: ((مَنْ صلَّى البرْديْن دَخَلَ الجنَّة)) (متفق عليه) މާނައީ: "ފަތިސް ނަމާދާއި އަޞުރު ނަމާދު ކޮށްފިމީހާ ސުވަރުގެ ވަދެއްޖެއެވެ."


ފުރަތަމަ ޙަދީޘްގައި އެވަނީ ނަރަކައަކަށް ނުވަންނާނެކަމަށެވެ. އަދި ދެވަނަ ޙަދީޘްގައި މިވަނީ އޭނަ ސުވަރުގެ ވަދެއްޖެއެވެ. އާދެ އެހެންވެއްޖެކަމަށްވާނަމަ އަޅުގަނޑުމެންގެ ތެރެއިން މީހުން ހިތަށްއަރާފާނެ ތިމަންނަ ދެން ބާކީ އޮތް ތިން ނަމާދު ކުރުމުގެ ބޭނުމެއް ނެތެވެ. އަޅުގަނޑު ހަމައެކަނި ފަތިސް ނަމާދާއި ޢަޞްރު ނަމާދާ ކޮށްލީމަ ސުވަރުގެ ވަދެވޭނެއެވެ. އާދެ އަޅުގަނޑުމެން ވިސްނަންވީ މިގޮތަކަށް ނޫނެވެ. މި ޙަދީޘާއިމެދު ޢިލްމުވެރިން ވާހަކަ ދައްކަމުން ޛިކުރު ކުރައްވާފައިވަނީ މިތަނުގައި އެގޮތަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޛިކުރު ކުރައްވާފައި އެވަނީ ފަސް ނަމާދުގެ ތެރެއިން އެންމެ ވަގުތަށް އަދާކުރަން އުދަނގޫ ދެނަމާދަކީ އެ ދެ ނަމާދުކަމަށްވާތީއެވެ. އަޅުގަނޑުމެން ވިސްނާލަމާ ހިނގާށެވެ. ފަތިސް ނަމާދުގެ ވަގުތަކީ ވަރަށް އަރާމު ނިންޖެއްގަ ހުރިހާ އެންމެން ތިބޭ ވަޤުތެކެވެ. އޭސީގެ ފިނިކަމުގެ ދަށުގައި ނުވަތަ ފަންކާގެ ފިނިކަމުގެ ދަށުގައި ހޫނު ބްލޭންކެޓެއް އަޅައިގެން އަޅުގަނޑުމެންގެ ހަށިގަނޑުތައް ހޫނުކޮށްކޮށް ތިއްބާ ބަންގީގެ އަޑަށް އެއްކަލަ ބްލޭންކެޓު ނަގާ ތެދުވެ މި ފިނިވެފައި ތިބޭއިރު އިތުރަށް ފެން ޖައްސާ ފިނިކޮށްލުމަކީ އޭގެ ޒާތުގައި އުނދަގޫކަމެއްނޫންތޯއެވެ. އަދި ހަމައެގޮތަށް އަޞްރުގެ ވަގުތު އަޅުގަނޑުމެން ދުވާލު މަސައްކަތްކޮށްފައި ދެން އެގަޑީގައި ނަމާދަށް ދާން ޖެހުނީމަ އުނދަގޫވެދާނެއެވެ. ޢިލްމުވެރިން ވިދާޅުވަނީ މިތަނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ދެ ނަމާދުގެ ވާހަކަ ޛިކުރު ކުރައްވާފައިވުމުގެ މަޤްޞަދަކީ އެ ދެ ނަމާދަށް ރައްކާތެރިވާ މީހާ، ބާކީ މިއޮތް ތިން ނަމާދަށް ރައްކާތެރިވުން މާ އަޢުލާވެގެންވުމެވެ. ޚުލާސާއަކީ ފަތިސްނަމާދާ ޢަޞްރުނަމާދަށް ރައްކާތެރިވާމިހާ ބާކީ އޮތް ތިން ނަމާދަށް ރައްކާތެރިވާނެއެވެ. އެހެންވީމާ އިތުރު ސަމާލުކަމެއްދީގެން މިދެ ނަމާދަށް އަޅުގަނޑުމެން ރައްކާތެރިވާންޖެހެއެވެ.


ނުވަވަނަ ނުކުތާއަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފަތިސް ނަމާދަށް ރައްކާތެރިވާ މީހާއަށް ދެއްވާ އުފާވެރިކަމުގެ ޚަބަރަކީ އެހެން ޚަބަރުތަކާ ޚިލާފަށް ތަފާތު ޚަބަރެކެވެ. މި ޙަދީޘްއިން އުފާވެރިކަމުގެ ޚަބަރަކަށް އަޅުގަނޑުމެން ނަގާނީ ޙަދީޘްގެ މަފްހޫމް މުޚާލަފާއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ: ((إِنَّ أَثْقَلَ صَلَاةٍ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ ، وَصَلَاةُ الْفَجْرِ ، وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا)) (رواه مسلم)


 މާނައީ: "ހަމަކަށަވަރުން މުނާފިޤުންގެ މައްޗަށް އެންމެ ބުރަ އަދި ބަރު ނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެބައިމީހުންނަށް މި ދެނަމާދުގެ ހުރި މާތްކަމާއި ދަރުމަ އެނގޭނަމަ ބިމުގައި ދެމިފައިވިޔަސް އެ ދެނަމާދަށް ޙާޟިރުވީހެވެ."


ނިފާޤުކަމަކީ ކޮބައިތޯއެވެއ؟ އަޅުގަނޑުމެންގެ ހިތުން މިއަދު އަޅުގަނޑުމެންގެ ނަފްސުތަކަށް މިކަމުން މިތިބީ އަމާންވެގެންނެވެ. އާދެ، ނިފާޤުކަމަކީ ބޭރުފުށުން އިސްލާމްކަން ފާޅުކޮށް އެތެރެފުށުން ކުފުރު ފޮރުވައިގެން އެކަން ވަންހަނާ ކޮށްގެން ހުރުމެވެ. އާދެ، ލޮބިވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ އެންމެ ހެޔޮވެގެންވީ ޖީލުތައް، ޞަޙާބީ ބޭކަލުންގެ ޖީލާއި އޭގެފަހުން ތާބިޢީންނާއި ތަބަޢައް ތާބިޢީ ބޭކަލުން އެބޭކަލުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ވަރަށް ބޮޑަށް މިކަމަށް ބިރުވެތިވެލެއްވިއެވެ. ކުރިން މި ޛިކުރުކުރި ޙަދީޘުން އެނގޭގޮތުގައި ފަތިސް ނަމާދާ ޢިޝާ ނަމާދަށް ފަރުވާކުޑަކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. މިތަނުގައި އުފާވެރިކަމުގެ ޚަބަރަކީ ފަތިސްނަމާދާއި ޢިޝާނަމާދަށް ރައްކާތެރިވާމީހާ އެވަނީ ނިފާޤު ކަމުގެ އެ ސިފައިން ދުރުވެގެންނެވެ. އެހެންވީމާ އެފަދަމީހާއަކީ މުނާފިޤުންގެ ތެރެއިންވާ މީހެއް ނޫންކަމުގެ އުފާވެރިކަން އޭނާއަށް ލިބޭނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީ ބޭކަލުން މިކަމަށް ބިރުވެތިވެލެއްވި ވަރަކީ މި އުއްމަތުގެ އެންމެ މާތް ޞަޙާބީންގެ ތެރެއިން ދެވަނަ ބޭކަލާ ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް ނިފާޤުކަމަށް ބިރުވެތިވެލައްވައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އުޅުނު މުނާފިޤުންގެ ނަންތައް އެކަލޭގެފާނުގެ މަތިވެރި ޞަޙާބީއެއްކަމުގައިވާ ޙުޒައިފާ ބިން ޔަމާން ރަޟިޔަﷲ ޢަންހުއަށް އެކަލޭގެފާނު އުނގަންނަވައިދެއްވިއެވެ. ޙުޒައިފާ ބިން ޔަމާން ރަޟިޔަﷲ ޢަންހު ޖަނާޒާއެއްގައި ބައިވެރިވެ ވަޑައިނުވާކަމުގައިވާނަމަ އެއީ މުނާފިޤެއްވީމަކަށްވުމުން އެކަލޭގެފާނު ބައިވެރިވެ ވަޑައިނުގަންނަވަނީކަން ޞަޙާބީބޭކަލުންނަށް އެނގިލައްވައެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މިކަމަށް އޮތް  ބިރުވެތިކަމުގެ ސަބަބުން ޙުޒައިފާ ބުނުލް ޔަމާން ރަޟިޔަﷲ ޢަންހުކުރެން އެކަލޭގެފާނުގެ ނަން މި މުނާފިޤުންގެ ލިސްޓުގައި ވޭތޯ ސުވާލުކުރައްވާކަމުގައި ވިއެވެ. އެކަމަކު މިއަދު އަޅުގަނޑުމެން މިކަމަށް ބިރުވެތިވަނީ ކިހާވަރަކަށްތޯ އަމިއްލަ  ނަފްސުތަކާ ސުވާލުކޮށްލަމާ ހިނގާށެވެ.  ތާބިޢީ ބޭކަލުންގެ ތެރެއިން މަޝްހޫރު ބޭކަލެއްކަމަށްވާ ޢަބްދުﷲ އިބްނު މުލައިކާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "أَدْرَكْتُ ثَلَاثِينَ مِنْ أَصْحَابِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ" މާނައީ: "ރަސޫލާ ﷺގެ ސަޙާބީންގެ ތެރެއިން ތިރީހަށް ވުރެ ގިނަ ސަޙާބީންނާ ތިމަންކަލޭގެފާނާ ބައްދަލުވިއެވެ. އެހުރިހާ ބޭކަލުންވެސް އެބޭކަލުންގެ ނަފްސުތަކުގެ މައްޗަށް ނިފާޤުކަމަށް ބިރުވެތިވެލައްވައެވެ." (فتح  الباري لابن رجب)


އާދެ، މަޝްހޫރު ޞަޙާބީއެއްކަމުގައިވާ ޢުމަރު ރަޟިޔަﷲ ޢަންހުގެ ދަރިކަލުން  ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވެއެވެ: "كنَّا إذا فقدنا الرَّجل في صلاة العشاء وصلاة الفجر، أسأنا به الظَّنَّ" މާނައީ: "ފަތިސް ނަމާދާއި ޢިޝާ ނަމާދުގެ ޖަމާޢަތުން އަހަރެމެންގެ ތެރެއިން މީހަކު ނުފެނިއްޖެނަމަ އެމީހަކާއި މެދު ނުބައިކޮށް ހީކުރާ ބަޔަކު ކަމުގައި ތިމަންމެން ވީމެވެ. [ رواه ابن أبي شيبة في المصنف ]


އޭގެ މާނައަކީ ފަތިސްނަމާދާ ޢިޝާނަމާދުގެ ޖަމާޢަތަށް ފަރުވާކުޑަކުރަނީ މުނާފިޤުންކަމަށް ޞަޙާބީ ބޭކަލުންނަށް  ހީވަނީ ނުވަތަ އެބޭކަލުންނަށް ޔަޤީން ކުރެވެނީއެވެ. އެހެންވީމަ އެވިދާޅުވަނީ އެބޭކަލުން މުނާފިޤުންކަމަށް ހީކޮށް އެގޮތަށް ދެކި ނުބައިކޮށް ހީކުރާ ކަމުގައެވެ.


އާދެ، ލޮބުވެތި އަޚުންނާއި އުޚްތުނޭވެ!  ފަތިސްނަމާދަށް ރައްކާތެރިވާ މީހާއަށް ލިބޭ  އުފާވެރިކަމުގެ ޚަބަރަކަށް ޛިކުރުކުރާނެ ދިހަވަނަ އަދި އެންމެ ފަހު ނުކުތާއަކީ جَرِير بن عَبدُ الله رضي الله عنه ގެ ޙަދީޘް3އެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:


 "كُنَّا عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَنَظَرَ إِلَى الْقَمَرِ لَيْلَةً يَعْنِي الْبَدْرَ فَقَالَ إِنَّكُمْ سَتَرَوْنَ رَبَّكُمْ كَمَا تَرَوْنَ هَذَا الْقَمَرَ لَا تُضَامُّونَ فِي رُؤْيَتِهِ فَإِنْ اسْتَطَعْتُمْ أَنْ لَا تُغْلَبُوا عَلَى صَلَاةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا فَافْعَلُوا" (رَوَاه مسلم)


މާނައީ: " ތިމަންމެން ނަބިއްޔާ ﷺ އަރިހުގައި އިށީނދެ ތިއްބަވަނިކޮށް، ނަބިއްޔާ ﷺ ސާދަވިލޭރޭގެ ހަނދަށް ބެއްލަވާލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "މި ހަނދު ތިޔަބައިމީހުންނަށް ފެންނަ ފަދައިން ތިޔަބައިމީހުންގެ ވެރި ރައްބު ތިޔަބައިމީހުންނަށް ފެންނާނެ އެވެ. ތިޔަބައިމީހުންނަށް އެކަމުގައި އެއްވެސް ދަތި އުނދަގުލެއް (ފެނުމަށްޓަކައި ތޮތްޖެހުމެއް) ނުވެ އެވެ. ފަހެ އިރު އެރުމުގެ ކުރިން ކުރާ ނަމާދާއި އަދި އިރު އޮއްސުމުގެ ކުރިން ކުރާ ނަމާދުގެ މައްޗަށް (ފަރުވާކުޑަވެ ދިއުމަށް) އެއްވެސް ކަމެއް ގަދަވެނުގަންނާނެ ގޮތް މެދުވެރިކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ އެކަމެއް ކުރުން ހުއްޓެވެ."


އާދެ! ދުނިޔެމަތީގައި އަޅުގަނޑުމެން ސާދަވިލޭރޭގެ ހަނދު ބަލާލަން ބޭނުންވާކަމަށްވާނަމަ  ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަދި ކޮންމެ ރަށެއްގައި ހުރެގެންވެސް އަޅުގަނޑުމެންނަށް ހަމަ ވަރަށް ރީތިކޮށް ހަނދު ބަލާލެވެއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޘާލު އެޖައްސަވަނީ އެފަދައިންނެވެ. ޚުލާސާއަކީ ފަތިސް ނަމާދާއި އަޞްރު ނަމާދުގެ ޖަމާޢަތަށް ތިޔަބައިމީހުނަށް ވެވުނު ވަރަކުން ރައްކާތެރިވާށެވެ. އާދެ، އަޅުގަނޑުމެން އަހުލުއްސުންނަ ވަލް ޖަމާޢަތުގެ އަޤީދާގެ ތެރޭގައި ﷲ ސުބުޙާނަހު ވަތަޢާލާގެ ވަޖުހުފުޅު ސުވަރުގެ ވަންތަވެރިންގެ ހުރިހާ އެންމެންނަށްވެސް ސުވަރުގޭގައި ފެންނާނެއެވެ. އެހެންނަމަވެސް ސުވަރުގޭގަ އެތަށް ދަރަޖަތަކެއްވާއިރުގައި ފެންނާނީ އެއްވަރަކަށްބާއެވެ. މިއީ ހަމަ ކޮންމެ ބޭފުޅަކުވެސް ކޮށްލުން ރަނގަޅު ސުވާލެކެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކުގައިވާ މީހުންނަށް ﷲ ސުބުޙާނަހު ވަތަޢާލާގެ ވަޖުހުފުޅު، އޭގެ ދަށުގައިވާ މީހުންނަށްވުރެ ފެންނަލެއް ގިނަކަމަށް ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައި އެބަހުއްޓެވެ. ޚުލާސާއަކީ ހުރިހާ އެންމެންނަށްވެސް ފެންނާނެއެވެ. އެހެނެއްކަމަކު އެއްބަޔަކަށް މިފެންނަނީ ގިނައިންނެވެ. އަދި އަނެއް ބަޔަކަށް މަދުން ފެނިދާނެއެވެ. އެއީ ފަހަރެއްގަ ރަސޫލުﷲ ޞައްލﷲ ޢަލައިހި ވަސައްލަމަގެ މި ވަޞިއްޔަތަށް ރައްކާތެރިވި މީހުން އެއީ ﷲ ސުބުޙާނަހު ވަތަޢާލާގެ ވަޖުހުފުޅު ގިނައިން ދުށުމުގެ ފުރުޞަތު ލިބޭ މީހުންގެ ތެރެއިންވާ ބަޔަކަށްވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން މި މަތިވެރި ނިޢުމަތް ޙާޞިލުކުރުމަށް އަވަސްވެ ގަންނާކަށް ނުވޭތޯއެވެ؟