ކޮވިޑް19: ގޭގައި ނަމާދު ކުރާނެ ގޮތް


الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين.


ޢީދު ނަމާދުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެގޮތުން މަޝްހޫރު ޤައުލަކި އަދި އިމާމު އަޙްމަދުގެ އަރިހުގައި ރާޖިޙު ޤައުލަކީ އެއީ ފަރުޟު ކިފާޔަތެއް ކަމެވެ.


މިއަދު ކުރިމަތިވެފައިވާ ބަލިމަޑު ކަމުގެ ސަބަބުން މިސްކިތްތައް ބަންދު ކުރެވިފައި ވުމުން ނަމާދުގެ ޖަމާޢަތް މިވަނީ ހުއްޓާލެވިފައެވެ. އަދި މީހުން އެއްވެ އުޅުން މިވަނީ މަނާކުރެވިފައެވެ. ޢީދު ނަމާދު ޖަމާޢަތުގައި މިސްކިތުގައި ނުވަތަ މައިދާނުގައި ކުރުމަށް މިވަނީ ޢުޒުރުވެރިވެފައެވެ. އެހެންކަމުން މިޙާލަތުގައި ޢީދު ނަމާދު ކުރުންވަނީ ގޭގައެވެ.


އެގޮތުން  ގޭގައި ޢީދު ނަމާދު ކުރުމުގެ ޙުކުމަށް ބަލާއިރު ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ގޭގައި ޢީދު ނަމާދު ކުރެވި ދާނެކަމެވެ. އެގޮތުން އިމާމް ޝާފިޢީ رحمه الله، އިމާމް އަޙްމަދު رحمه الله،  އަދި އިމާމް މާލިކު رحمه الله ގެ ރައުޔަކީ މިއެވެ. 


މިޙާލަތުގައި ޢީދު ނަމާދު ކުރުމާމެދު ސަޢުދީ ޢަރަބިޢާގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް އާލުޝައިޚް حفظه الله ފަތުވާ ދެއްވާފައިވަނީ ޚުތުބާ ކިއުމަކާ ނުލައި ގޭގައި ޢީދު ނަމާދު ކުރުމަށެވެ. އަދި މިޞްރުގެ ދާރުލްއިފްތާގެ ފަތުވާ އަކީވެސް މިހާލަތުގައި ގޭގައި ޢީދު ނަމާދު ކުރުމެވެ.


ގޭގައި ޢީދު ނަމާދު ކުރާނެ ގޮތާމެދު އައްޝައިޚް ޢަބްދުލްކަރީމް އަލްޚުޟައިރު حفظه الله  އާ ސުވާލު ކުރެވުމުން ވިދާޅުވިއެވެ." ޢީދު ނަމާދު ކުރާނީ މިސްކިތްތަކާއި މުޞައްލާ ތަކުގައިވެސް ޢީދު ނަމާދު ކުރާ ގޮތަށެވެ. އެއީ ދެރަކުޢަތެވެ. ފުރަތަކަ ރަކުޢަތުގައި 7 ތަކްބީރު ކިޔައި ދެވަނަ ރަކުޢަތުގައި 5 ތަކްބީރު ކިޔައިގެންނެވެ. އަދި ޚުޠުބާ ދިނުމެއް ނެތިއެވެ."


ގޭގައި ޢީދު ނަމާދު ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ގޭގެ އަހުލުވެރިން ޖަމާޢަތް ހަދައިގެން ކުރުމެވެ. އެގޮތުން އަންހެން ބޭކަނބަލުންނަށްވެސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވޭނެއެވެ. އަދި ފިރިހެނުން ނެތް ގެއެއްނަމަ ނުވަތަ ޖަމާޢަތް ނަހަދާނަމަ ވަކިވަކިންވެސް ޢީދު ނަމާދު  ކުރެވިދާނެވެ. 


ހަމަ އެހެންމެ ފިޠުރު ޢީދު ވިލޭރެއިން ފެށިގެން ޢީދު ނަމާދާ ހަމައަށް ގެތަކުގައި ތަކްބީރު ކިއުމަކީ ސުންނަތެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. “وَلِتُكۡمِلُوا۟ ٱلۡعِدَّةَ وَلِتُكَبِّرُوا۟ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ" (سورة البقرة ١٨٥) މާނައީ: " ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ."


ޢީދު ނަމާދުގައި ބަންގި ގޮވުމާއި ޤަމަތް ދިނުމެއް ނުވޭ.


ޢީދު ނަމާދު ކުރާއިރު ބަންގި ގޮވުމެއްވެސް ގަމަތް ދިނުމެއްވެސް ނުވެއެވެ. ނަމާދު ފަށަންވާނީ ބަންގިއާއި ޤަމަތް ނުދީއެވެ. އެގޮތުން އިމާމު   އިބްނު އަލްޤައްޔިމް   رحمه الله ވިދާޅުވިއެވެ. " ރަސޫލާ  މުޞައްލައަށް ވަޑައިގަންނަވާހިނދު ބަންގިއަކާއި ޤަމަތަކާ ނުލައި އަދި އައްޞަލާތު ޖާމިޢާ އޭވެސް ވިދާޅުވުމެއްނެތި  ނަމާދު ފައްޓަވައެވެ. އަދި ސުންނަތް ވެގެންވާ ގޮތަކީވެސް އެއިން އެއްވެސް ކަމެއް ނުކުރުމެވެ. "[1] 


މަތިވެރި ޞަޙާބީ ޢަބްދުﷲ ބިން ޢައްބާސްއާއި ޖާބިރު ބިން ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. " ފިޠުރު ޢީދު ނަމާދަށް  އަދި އަޟްޙާ އީދު ނަމާދަށްވެސް ބަންގި ދެވޭ ކަމުގައި ނުވެއެވެ."[2]  އެހެންކަމުން ގޭގައި ނަމާދު ކުރާއިރުގައިވެސް ބަންގި ގޮވުމެއް ގަމަތް ދިނުމެއް ނުވެއެވެ. ޖަމާޢަތުގައި ކުރާނަމަ ގޭގައި ތިބި ނަމާދު ކުރާ މީހުން ތައްޔާރުވެ ސަފުހެދުމުން ތަކްބީރު ކިޔައި ނަމާދު ފަށާނީއެވެ.


  ޢީދު ނަމާދުގައި ތަކްބީރު ކިއުން.


ޢަބްދުﷲ ބިން ޢަމްރު ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. " التَّكْبِيرُ فِي الْفِطْرِ : سَبْعٌ فِي الْأُولَى ، وَخَمْسٌ فِي الْآخِرَةِ ، وَالْقِرَاءَةُ بَعْدَهُمَا كِلْتَيْهِمَا" މާނައީ: " ފިޠުރު ޢީދު ނަމާދުގެ ފުރަތަމަ ރަކުޢަތުގައި ވަނީ ހަތްތަކްބީރު ކިއުމެވެ. އަދި ދެވަނަ ރަކުޢަތުގައިވަނީ ފަސްތަކްބީރު ކިއުމެވެ. އަދި ދެރަކުޢަތުގައިވެސް  ކިޔަވަންފަށާނީ ތަކްބީރަށް ފަހުގައެވެ."[3]


ޢީދު ނަމާދުގެ ކުރިންނާއި ފަހުން ސުންނަތް ކުރުން


ޢީދު ނަމާދުގެ ކުރިންވެސް އަދި ފަހުންވެސް ސުންނަތް ކުރުމެއް ނުވެއެވެ. އެހެނީ ޢީދު ނަމާދުގެ ކުރިން އަދި ފަހުންވެސް ނަބިއްޔާ ސުންނަތެއް ކުރިއްވިކަން ސާބިތު ވާކަށް ނެތެވެ. އެގޮތުން ޢީދު ނަމާދުގެ އިހު ނުވަތަ ފަހު ސުންނަތެއް ނުވާކަމަށް އިމާމް ނަވަވީ އިޖުމާޢު ނަޤުލު ކުރައްވާފައިވެއެވެ.[4]  ޢަބްދުﷲ އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. " أنَّ رسولَ اللهِ صلَّى اللهُ عليه وسلَّم خرَجَ يومَ أضْحَى، أو فِطرٍ، فصلَّى ركعتينِ لم يُصلِّ قبلها ولا بعدَها" މާނައީ: " އަޟްޙާ އީދު ނުވަތަ ފިޠުރު ޢީދު ނަމާދަށް ނަބިއްޔާ ނިކުމެވަޑައިގަތެވެ. ދެން ޢީދުނަމާދުގެ ދެރަކުޢަތް ކުރެއްވިއެވެ. އަދި އެދެރަކުޢަތުގެ ކުރިންވެސް އަދި ފަހުންވެސް އެކަލޭގެފާނު އެއްވެސް ސުންނަތެއް ނުކުރައްވައެވެ."[5]


ޢީދު ނަމާދުގައި ޚުތުބާ ކިއުން


ޢީދު ނަމާދުގައި ޚުޠުބާ ކިޔުމަކީ ސުންނަތެކެވެ. އެހެންނަމަވެސް މިހާލަތުގައި ގޭގައި ނަމާދު ކުރާއިރުގައި ޚުޠުބާ ކިއުމެއް ނުވެއެވެ. އެހެނީ ޚުޠުބާ އަކީ ޙާކިމާގެ އަމުރަށް ބޮޑު ޖަމާޢަތެއްގައި ކިޔުމަށް އޮންނަ ސުންނަތެކެވެ. އެގޮތުން ޖުމްހޫރުންގެ ރައުޔަކީވެސް ގޭގައި ޢީދު ނަމާދު ކުރާއިރު ޚުތުބާ ނުކިއުމެވެ.  


ނަމާދު ކުރާނެ ގޮތް



  1. ޢީދު ނަމާދަށް ނިޔަތްގަނެ ހަށަންބަތް ތަކްބީރުކިޔައި ހަށަންބަނދެ ދުޢާއުލް އިސްތިފްތާޙު ކިޔާނީއެވެ.

  2. ހަށަންބަތް ތަކްބީރު ފިޔަވައި ވިދިވިދިގެން 7 ތަކްބީރު ކިޔަންވާނެވެ. ކޮންމެ ތަކްބީރެއްގައިވެސް ދެއަތް އުފުލާނީ ދެކޮނޑާ ހަމައަށެވެ.

  3. ތަކްބީރަށްފަހު ސޫރަތުލް ފާތިޙާ ކިޔަވައި ، އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔަވާނީއެވެ. އެގޮތުން ސޫރަތުލް އަޢުލާ ކިޔުން ސުންނަތްވެގެންވެއެވެ.

  4. ސޫރަތް ކިޔެވުމަށްފަހު އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކުޢަތް ފުރިހަމަ ކޮށް ދެވަނަ ރަކުޢަތަށް ތެދުވާނީއެވެ.

  5. އެގޮތުން ދެވަނަ ރަކުޢަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން 5 ތަކްބީރު ކިޔަންވާނެވެ. އަދި ކޮންމެ ތަކްބީރެއްގައިވެސް ދެއަތް ދެކޮނޑާ ހަމައަށް އުފުލަން ވާނެވެ.

  6. އެއަށްފަހު ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ސޫރަތުލް ފާތިޙާއަށްފަހު އެމީހަކަށް ފަސޭހަ ސޫރަތެއް ކިޔަވާނީއެވެ. ސޫރަތުލް ޣާޝިޔާ ކިޔެވުމަކީ ސުންނަތެކެވެ.

  7. ސޫރަތް ކިޔެވުމަށްފަހު ފުރަތަމަ ރަކުޢަތެކޭ އެއްގޮތަށް ރަކުޢަތް ފުރިހަމަ ކޮށް ސަލާމް ދޭނީއެވެ.


 


[1] زاد المعاد


[2] رواه البخاري و مسلم


[3] رواه أبو داود


[4] المجموع


[5] رواه البخاري و مسلم