ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް


އެ ދުވަހަކީ އެންމެ ފަހު ދުވަހެވެ. އޭގެ ވަގުތު ވަނީ ވަންހަނާ ކުރެވިފައެވެ. ސިއްރު ކުރެވިފައެވެ. އެ ވަގުތު ދުނިޔޭގެ ބިމުގައި ތިބޭނީ މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނެވެ. ފުލު ފުލުން ބޮޑެތި ޢަލާމާތްތައް ފާޅުވާނެއެވެ. ވާނުވާ ނޭންގި ބިރުވެރި ކަމާއި ހާސްކަމުގައި އިންސާނުން ވަނިކޮށް މި ޢަލާމަތްތައް ފާޅުވެ ޤިޔާމަތާއި މީސްތަކުން ބައްދަލު ކުރަން ޖެހޭނެއެވެ. އިމްތިޙާނުގެ މި ގޮވެތިން ޙިސާބާއި ކިތާބުގެ ދުވަހާ ބައްދަލު ކުރަން ޖެހޭނެއެވެ. މަޙްޝަރުގެ މައިދާނަށް ޖަމާކުރެވޭނެއެވެ. އުފަލާއި މަޖަލުން ދުރުކުރެވި ހިތާމައާއި ބިރުވެރިކަމާއި ނާމާންކަމާއި ބައްދަލު ކުރަން ޖެހޭނެއެވެ. ކޮންމެ ނަފުސެއްވެސް އުޅޭނީ އަމިއްލަ ނަފްސައިގެންނެވެ. އެހެން ކަމުން މި ރިޕޯޓުގައި މި ބަލާލަނީ ޤިޔާމަތުގެ ކުރިން ފާޅުވާނެ ބޮޑެތި ޢަލާމާތްތަކުގެ ކުރު ޚުލާސާއަކަށެވެ.


ފަހު ޒަމާނުގައި މީސްތަކުންގެ ޢަމަލުތައް ނުބައިވެ ޝިރުކުކުރުމާއި އަނިޔާވެރިކަމާއި ފާހިޝް ކަންކަން ބިންމަތީގައި އިތުރުވާ ހިނދު މި އުންމަތުގެ މީސްތަކުންގެ ކަންތައްތައް އިޞްލާޙު ކުރެއްވުމަށްޓަކައި މަހުދީގެފާނު ފާޅު ކުރައްވާނެއެވެ. އަދި މަސީޙުއް ދައްޖާލުވެސް ފާޅުވާނެއެވެ. އާދަޔާ ޚިލާފު ބާރުތަކެއް ލިބިފައިވާ ދައްޖާލުގެ ފިތުނައިގައި މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ޖެހިގެން ދާނެއެވެ. ދައްޖާލުގެ ޙަޤީޤަތް  އިނގޭނީ މީސްތަކުންގެ ތެރެއިން މަދު ބަޔަކަށެވެ. އެ ގޮތުން ޞައްޙަ ސުންނަތުން ސާބިތުވާ ގޮތުގައި ދައްޖާލަކީ އިސްކޮޅުން ކުރު، ބޮލުގެ އިސްތަށިގަނޑު ކަޅު، ރަތް ދޮން ކުލައިގެ އިންސާނެކެވެ. ނިންމަތީގައި 'ކަފަރަ' ނުވަތަ ކާފިރު މިހެން ލިޔެވިފައިވާނެއެވެ. ދައްޖާލުގެ ކަނާއަތު ލޯ އަވަރުވެ މޭބިސްކަދުރެއްހެން ނިކުމެފައި ހުންނާނެއެވެ. މިނޫނަސް ފާހަގަ ވާނެ ތަފާތު ސިފަތައް ސުންނަތުގައި ބަޔާން ވެގެން އައިސްފައިވެއެވެ. މި ހުރިހާ ކަމަކާއެކުވެސް ބިންމަތީގައިވާ ގިނަ މީހުން މި ނުބައި ދައްޖާލުގެ ފިތުނައިގައި ޖެހި ހަލާކުވެގެން ދާނެއެވެ.


އެއަށްފަހު ޢީސާ ޢަލައިހިއްސަލާމް ބިމަށް ފައިބައި ވަޑައިގަންނަވާނެއެވެ. އަދި ރަސޫލާ محمد صلي الله عليه وسلمގެ ޝަރީޢަތަށް ތަބާވެ ދައްޖާލު ޤަތުލު ކުރައްވާ ބިންމަތީގައިވާ ހުރިހާ ޞަލީބުތައް ހަލާކުރައްވާ އޫރުތައް މަރާލައްވާނެއެވެ. މުޅި ބިން އެއަށްފަހު އަމާން ވެގެން ދާނެއެވެ. އޭގެ ފަހުގައި ހަތް އަހަރުގެ މުއްދަތަކަށް މީސްތަކުން އެއްވެސް ޢަދާވާތްތެރި ކަމެއް ނެތި ބިންމަތީގައި އަމާންކަމާއިއެކު ދިރިއުޅޭނެއެވެ. އެއަށްފަހު ޔަޢުޖޫޖު މަޢުޖޫޖޫ ބައިގައިގެ މީސްތަކުން ފާޅުވެ ބިންމަތީގައި ފަސާދަ އުފައްދާނެއެވެ. މިބައިމީހުންނަކީ އާދަމްގެފާނުގެ ނަޞްލުން އުފެދިފައިވާ ބައެކެވެ. މި މީހުންނާއި ހަނގުރާމަކުރުމުގެ ކުޅަދާނަކަން އޭރު ބިންމަތީގައި ތިބި މީހުންނަށް ލިބިގެންނުވާފަދަ ބާރުގަދަ ބައެކެވެ. އިސްކޮޅުން ކުރު ލޯތައް ކުދި ބައެކެވެ. އެބައިމީހުންގެ ފަސާދަ ހުއްޓުވުމަށްޓަކައި ޛުލްޤަރުނައިން ބިނާކޮށްފައިވާ ފާރު ﷲގެ އިރާދަފުޅާއިއެކު އެވަގުތު ޖެހުމުން ހަލާކުކޮށް އެބައިމީހުން ނުކުމެގަންނާނެއެވެ. މުޅި ދުނިޔެއަށް ފެތުރި ގަންނާނެއެވެ. ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތައް ފާޅުވެ މުޅި ދުނިޔޭގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާނެއެވެ. އޭގެ ތެރޭގައި ބިމުގެ 3 ތަނަކުން ބޮޑުވެގެންވާ ބޮޑު 3 ގަންބަވައިގަތުމެއް ހިނގާނެއެވެ. އޭރު ބިންމަތީގައި ގިނަވާނީ ނުބައި ނުލަފާ މީހުންނާއި އެބަމީހުންގެ ފާފަތަކެވެ. ޝާމްކަރައާ ވީ ފަރާތުން އަންނާނޭ ފިނި ވައިރޯޅިއެއްގެ ސަބަބުން ދެން ބިންމަތީގައިވާ ހުރިހާ ހެޔޮ ކަމެއް  ނެތިގެންދާނެއެވެ. އީމާންކަން ބިންމަތިން ފިލައިގޮސް ޤުރުއާން އުފުއްލެވޭނެއެވެ. އިސްލާމް ދީން ދަންނާނެ ބަޔަކު ނެތުމާއި ގެފުޅު މުޤުރާލުމާއި ﷲ މި އިސްމުފުޅު ކިޔަން އިނގޭ މީހަކުވެސް ނުހުންނާނެއެވެ.


ބޮޑު ދުންގަނޑެއް ފާޅުވުމާއެކު މުޅި ދުނިޔެ އަނދިރި ވެގެން ދާނެއެވެ. ބިރުވެރިކަމާއި ނާމާންކަން މީސްތަކުން ވަށާލާނެއެވެ. އެއަށްފަހު ދުނިޔޭގައި އެ ވަގުތު ތިބި އެންމެ ނުބައި  މީސްތަކުންގެ މައްޗަށް ޤިޔާމަތުގެ ވަގުތު ބައްދަލުކޮށް ހުޅަނގު ފަރާތުން އިރުއަރާނެއެވެ. މިއީ ބޮޑުވެގެންވާ ބިރުވެރި ޢަލާމާތެކެވެ. އެހިނދުން ފެށިގެން ތައުބާގެ ދޮރު ބަންދުވެގެން ދާނެއެވެ. ދެން ބިމުން ބޮޑު ދާއްބައެއް ފާޅުވެ މުޅި ދުނިޔޭގެ ނިޒާމު ފުނޑު ފުނޑުވެ މީސްތަކުން ވާނުވާ ނޭންގޭ ޙާލު ބިރުވެރި ކަމެއްގެ ތެރެއަށް ހުށަހެޅިގެން ދާނެއެވެ. މިހާލަތުގައި މީސްތަކުން ވަނިކޮށް ބޮޑު އަލިފާންގަނޑެއް ފާޅުވެ އެ އަލިފާންގަނޑު މީސްތަކުން ލަވާ މަޙްޝަރުގެ މައިދާނަށް ގެންނަވާނެއެވެ. މިއީ ދުނިޔެމަތީގައި ޝާމްކަރައާ ވީ ދިމާލަށް ޖަމާކުރައްވާ ޖަމާކުރެއްވުމެކެވެ. އެއްބަޔަކު ދާނީ ދާއްބަތަކަށް ސަވާރުވެގެންނެވެ. އަނެއް ބަޔަކު ދުވެފައެވެ. އެކި މީހުން އެކި ހާލުގައެވެ. އެބައިމީހުންގެ ވަށައިގެން ދާނެ އިތުރު ތަނެއްނުވާނެއެވެ. ވަށައިގެންވެސް ވާނީ އަލިފާނެވެ. ދެން ޤިޔާމަތުގެ ފުރަތަމަ ތާއްޅަފިއްޔާއިއެކު މި ދުނިޔެއިން ވަކިވެ ހަޤީޤީ މަހްޝަރުކުރެއްވުމަށް މީސްތަކުން ތައްޔާރުކުރެވޭނެއެވެ. ތަބާވީ ސިޔާސީ ވެރިއެއްގެ ފަރާތުން، ނުބައި ކަމަށް ގޮވާލި އެކުވެރިއެއްގެ ފަރާތުން، ރަޙުމްކުރި މައިންބަފައިންގެ ފަރާތުން، އޯގާތެރިވި ދަރިއެއްގެ ފަރާތުން އެއްވެސް ފައިދާއެއް މަންފާއެއް ނުކުރާނޭ މިދުވަހަށް ބިރުވެތިވެލައްވާށެވެ. މާތްﷲ އަޅަމެން އެންމެންނީ ކީރިތި ޤުރުއާނަށާއި މާތް ރަސޫލާ صلي الله عليه وسلمގެ ސުންނަތަށް ފުރިހަމައަށް ތަބާވާ ބަޔަކު ކަމުގައި ލައްވަވާ ޤިޔާމަތުގެ އެންމެހާ ފިތުނައިން ރައްކާތެރިކުރައްވާ ސަލާމަތްކުރައްވާށިއެވެ. އާމީން