ފަތިސް ނަމާދު: އުފާވެރިކަމުގެ 10 ޚަބަރެއް (ފުރަތަމަ ބައި) | އައްޝައިޚް ސާޖިދު މުޙައްމަދު


ﷲ  سُبْحَانَهُ وَ تَعَالَى އާއި ރަސޫލާ  ﷺ ވަނީ ފަތިސްނަމާދުގެ ޖަމާޢަތަށް ނުވަތަ ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ވަރަށް ގިނަ އުފާވެރިކަމުގެ ޚަބަރުތަކެއް ދެއްވާފައެވެ. މިލިޔުމުގައި އެ ޚަބަރުތަކުގެ ތެރެއިން ބައެއް ޚަބަރުތައް ތިބޭފުޅުންނާ ހިއްސާ ކުރަމުންދާނަމެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރަސޫލާ ﷺ ހަދީޘްފުޅު ކުރައްވަނީ (( بَشِّرْ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ)) (سنن الترمذي 223) އާދެ ލަފްޒަށް ބައްލަވާ، އެންމެ ފުރަތަމަވެސް ރަސޫލާ  ﷺ ހަދީޘްފުޅު ކުރައްވާފައި މިވަނީ بَشِّرْ، ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށޭ، ކޮން ބަޔަކަށްތޯ؟ الْمَشَّائِينَ فِي الظُّلَمِ إِلَى الْمَسَاجِدِ ރޭގަނޑުގެ ވަގުތު ތަކުގައި، ރޭގަނޑުގެ އަދިރި ކަމުގައި ގިނަގިނައިން މިސްކިތައް ހިނގާފަދާ މީސްތަކުންނަށެވެ. އާދެ އުފާވެރިކަމުގެ ޚަބަރު ދެއްވަންވީ ކޮންކަމަކާއި މެދުގައިތޯ؟ މި ހަދީޘްގެ ފަހުކޮޅުގައި މިއަންނަނީ بِالنُّورِ التَّامِّ يَوْمَ الْقِيَامَةِ ޤިޔާމަތް ދުވަހުގައި ފުރިހަމަވެގެންވާ ނޫރެއް އެފަދަ މީހާޔަށް ލިބިގެންދާނެ ކަމާމެދުގައެވެ. އާދެ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ޤިޔާމަތް ދުވަހުގަ އެ ނޫރަށް ބޭނުން ޖެހިގެންވާނެ މީހެކެވެ. އެނޫރަށް ޙާއްޖަތްތެރިވާނެ މީހެކެވެ. ޚާއްސަކޮށް ޞިރާޠުމަގު ހުރަސް ކުރާ ހިނދުގަ އަޅުގަނޑުމެން އެ އަލިކަމަށް ބޭނުންޖެހެއެވެ. ﷲ  سُبْحَانَهُ وَ تَعَالَى އެ ނޫރަށް ނިސްބަތް ކުރައްވާ ކީރިތި ޤުރުއާންގަ ވަޙީކުރައްވާފަވެއެވެ. (نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ.) -سورة التحريم - މާނައީ: "ޤިޔާމަތް ދުވަހުގަ މުއުމިނުތަކުންގެ ނޫރުތައް ހިނގަހިނގާ ހުންނާނޭ އެބައިމީހުންގެ ކުމަތިންނާއި އެބައިމީހުންގެ ކަނާތްފަރާތުން" ... يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا... (سورة التحريم (އަދި އެހިނދުގައި އެ ބިރުވެރިކަމުގެ ހިނދުގަ އެބައިމީހުން ދުޢާ ކުރަމުން ދާނެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. ތިމަންނަމެންނަށްޓަކައި މި ނޫރު އަލި ކުރައްވާންދެއެވެ. ތިމަންމެންނަށްޓަކައި މިއަށްވުރެ އަލި ނޫރެއް ދެއްވާންދެއެވެ. އެހެންކަމުން މި ނޫރު އަލިކުރަން ބޭނުންވާ މީހާ، މި ނޫރުގެ ނޫރުން ޞިރާޠުމަގު ހުރަސްކުރަން ބޭނުންވާ މީހާ، މި ނޫރުގެ އަލިކަމުގެ ޒަރިއްޔާއިން އެ މަގު އަވަހަށް ކަޑައްތު ކުރަންބޭނުންވާ މީހާ މިއަދު މިފުރުޞަތުގެ ބޭނުން ހިފަންވީއެވެ. ކޮންގޮތަކަށްތޯ؟ ގިނަގިނައިން ރޭގަނޑުގެ އަނދިރި ކަމުގަ މިސްކިތަށް ގޮސްގެންނެވެ. އެހެންވީމަ މިއީ މިކަމަށް ސަމާލުވެއްޖެ މީހަކަށް އޮތް ފުރަތަމަ އުފާވެރިކަމުގެ ޚަބަރެވެ.


އާދެ ދެވަނަ ކަމަކަށް، ލޮބުވެތި އަޚުންނާއި އުޚުތުން، ރަސޫލާ  ﷺ ހަދީޘްފުޅު ކުރައްވާފައިވެއެވެ: (( ‏ركعتا الفجر خير من الدنيا وما فيها‏)) ‏-‏رواه مسلم‏- އާދެ އަޅުގަނޑުމެންގެ މަވްޟޫއަކީ ފަތިސްނަމާދެވެ. އެހެނެއްކަމަކު މިހާރު މިދަންނަވަނީ ފަތިސް ނަމާދަށް ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް އިތުރު ސަމާލުކަމެއް ދެވިދާނެ ކަމެއްގެ ވާހަކައެވެ. ރަސޫލާ  ﷺގެ އެ ހަދީޘްފުޅުގެ މާނައަކީ "ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކުޢަތް ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. އާދެ މިކަމަށް އިޝާރާތް ކުރައްވާ ޢާއިޝާ  رضي الله عنها ވިދާޅުވެފައިވެއެވެ. 0(لم يكنِ النبيُّ صلى الله عليه وسلم على شيءٍ من النوافل أشدَّ تعاهدًا منه على ركعتَي الفجر) -متفق عليه- ރަސޫލާ  ﷺ ސުންނަތް އަޅުކަންތަކުގެ ތެރެއިން ފަތިސް ނަމާދުގެ އިހު ސުންނަތައް އެދެއްވާ ޚާއްސަ ސަމާލުކަން ނުވަތަ ރައްކާތެރިވާ ވަރަށް އެހެން އެއްވެސް ސުންނަތް އަޅުކަމަކަށް ރައްކާތެރިއެއްނުވެއެވެ. އާދެ އަޅުގަނޑުމެންގެ ހިތުގައި އެފެދިދާނެ ސުވާލެކެވެ. ފަރުޟު ނަމާދުތަކަށްފަހު އެންމެ މާތް ވެގެންވާ ނަމާދަކީ ދަމުނަމާދުކަމަށް އޮންނަ ހަދީޘެއް އެބައޮތެއްނޫން ހެއްޔެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިތަނުގައި ހަނދާންކޮށްލަންޖެހޭ ރަސޫލާ ﷺގެ ހައްޤުގައި ދަމު ނަމާދަކީ ފަރުޟެކެވެ. އެހެންވީމަ އެކަލޭގެފާނުގެ ދަމުނަމާދު އޭގެތެރެއަކަށް ނުވަންނާނެއެވެ. އޭގެ ތެރެއަށް ވަންނާނީ އެހެން ހުރިހާ ސުންނަތް ނަމާދުތަކެވެ. އެހެންކަމުން ސުންނަތް ނަމާދު ތަކުގެ ތެރެއިން ޢާއިޝާ  رضي الله عنها އެ ވިދާޅުވަނީ އެކަލޭގެފާނު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ބަހައްޓަވަނީ ފަތިސް ނަމާދުގެ އިހު ސުންނަތައްކަމަށެވެ. އާދެ މިހާރު ފަތިސް ނަމާދަށް ރައްކާތެރިވާ މީހާ ގެއިން ނިކުމެގެން މި ދިޔައީ ގޮސް އޭނަ ސުންނަތް ދެ ރަކުޢަތް ކުރީއެވެ. ދެން އެއަށްފަހުގަ މިފަށަނީ ފަތިސް ނަމާދެވެ. އާދެ މި ފަތިސް ނަމާދާއި ބެހޭގޮތުން1 ތިން ވަނަ ނުކުތާއަށް މިހާރު އަޅުގަނޑު މި ޖެހިލީއެވެ. ﷲ  سُبْحَانَهُ وَ تَعَالَى ކީރިތި ޤުރުއާންގައި ވަޙީކުރައްވާފަވެއެވެ. ...  إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا... (سورة الإسراء‎ (މާނައީ: "ހަމަކަށަވަރުން ފަތިސް ނަމާދަކީ ނުވަތަ ފަތިސް ނަމާދުގެ ޖަމާޢަތަކީ ނުވަތަ ބައެއް ޢިލްމުވެރިން މާނަކުރައްވާ ގޮތުގައި ފަތިސް ނަމާދުގެ ކިޔެވުމަކީ އެއީ އޭގެ މައްޗަށް ހެކިވެވޭނެ އެއްޗެކެވެ." އާދެ ތަފްޞީރު ޢިލްމުގައި މަޝްހޫރު ބޭކަލެއް ކަމުގައިވާ الشيخ سعدي رَحِمَهُ ٱللَّٰهُ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވަނީ { وَقُرْآنَ الْفَجْرِ } أي: صلاة الفجر، މިތަނުގައި މިވާ قُرْآنَ الْفَجْرِ ގެ މާނައަކީ صلاة الفجر އެވެ. އޭގެ މާނައަކީ ފަތިސް ނަމާދެވެ. އަދި އެގޮތަށް ނަންދެވިފައި އެވަނީ ފަތިސް ނަމާދުގެ ކިޔެވުން އެހެން ނަމާދުތަކުގެ ކިޔެވުންތަކަށްވުރެ ދިގުކުރުމަކީ ޝަރުއުވެގެންވާ ކަމަކަށްވާތީއެވެ. އަދި ހަމަ އެގޮތަށް ފަތިސް ނަމާދުގެ ކިޔެވުމުގެ މަތިވެރިކަމާއި ހުރެއެވެ. މިދެ ސަބަބަށްޓަކައެވެ. މަތިވެރި ވަނީ ކޮން ސަބަބަކާއިހުރެގެންތޯއެވެ. މަތިވެރިވާ ސަބަބަކީ  ﷲ  سُبْحَانَهُ وَ تَعَالَى އެވަނީ ހެކިވެވޮޑިގެންފައެވެ. އަދި ﷲ  سُبْحَانَهُ وَ تَعَالَى ގެ ދުވާލުގެ މަލާއިކަތް ބޭކަލުންނާއި ރޭގަނޑުގެ މަލާއިކަތް ބޭކަލުން ބަދަލުވާ ހިނދުގަ އެ ބޭކަލުންވެސް އެ މީހާ އަކީ ފަތިސް ނަމާދަށް ރައްކާތެރިވާ މީހެއް ކަމުގައިވާނަމަ އެ މީހާގެ މައްޗަށް ހެކިވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މި ބަލާލެވުނީ ތިން ކަންތަކަށެވެ.


އެއަށްފަހު ހަތަރުވަނަ ކަމަކަށް އަޅުގަނޑު ޖެހިލާނަމަވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ރަސޫލާ ﷺ ހަދީޡްފުޅު ކުރައްވާފައިވެއެވެ. (من صلّ الصبح في جماعة فهو في ذمة الله) މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގަ ކޮށްފިމީހާ އެވަނީ ﷲ  سُبْحَانَهُ وَ تَعَالَى ގެ ރައްކާތެރިކަމުގެ ދަށުގައެވެ." އާދެ އަޅުގަނޑުމެންގެ ތެރެއިން ﷲ  سُبْحَانَهُ وَ تَعَالَى ގެ ރައްކާތެރިކަމަށް ބޭނުންނުވަނީ ކާކުތޯއެވެ. ޚާއްސަކޮށް މިފަދަ ދުވަސްވަރެއްގައެވެ. ޚާއްސަކޮށް މިފަދަ ބަލިމަޑުކަމެއް އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ފެތުރިގެންދާފަދަ ދުވަސްވަރެއްގައެވެ. އަޅުގަނޑުމެން މާއްދީ ގޮތުން ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ﷲ  سُبْحَانَهُ وَ تَعَالَى އަޅުގަނޑުމެންނަށް ގެއްލުމެއް އިރާދަ ކުރައްވައިފިއްޔާ އަޅުގަނޑުމެންނަސް އެ ދުރުކޮށްދޭނެ އެއްވެސް ފަރާތެއް ނުވާނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ގެރެންޓީ މި ލިބެނީ ފަތިސް ނަމާދުގެ ޖަމާޢަތަށް ރައްކާތެރި ވެއްޖިކަމަށް ވަނީނަމަ އަޅުގަނޑުމެން މިވަނީ ﷲ  سُبْحَانَهُ وَ تَعَالَى ގެ ރައްކާތެރި ކަމުގެ ދަށުގައެވެ. އެހެންކަމުން މިއީ އަޅުގަނޑުމެންނަށް ލިބޭ ކިހާ ބޮޑު ގެރެންޓީއެއްތޯއެވެ. އާދެ عمر  رضي الله عنه، މުސްލިމުންގެ ދެ ވަނަ ޚަލީފާ، އެކަލޭގެފާނު ވިދާޅުވިކަމަށް ބައެއް ޢިލްމުވެރިން ޛިކުރު ކުރައްވާފައިވެއެވެ. ރޭގަނޑެއްގައި ދަމު ނަމާދު ކުރުމަށްވުރެ ތިމަން ކަލޭނގެފާނުގެ އަރިހުގައި ރޭގަނޑުގައި ފަތިސް ނަމާދުގެ ޖަމާޢަތް މާ ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އެހެން ކަމުން މިއީ ފަތިސް ނަމާދަށް ރައްކާތެރިވާ މީހާއަށް ލިބޭ ހަތަރު ވަނަ އުފާވެރިކަމުގެ ޚަބަރެވެ.


އާދެ އެއަށްފަހު ފަސްވަނަ ކަމަކަށް، ރަސޫލާ  ﷺ ހަދީޡްފުޅު ކުރައްވަނީ (من صلّ الصبح في جماعة فكانما قام الليل كله) މާނައީ: "ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި ރޭގަނޑު އަޅުކަން ކުރިފަދައެވެ." އާދެ ކުރީ ސުވާލެކޭ ހަމަ އެއްފަދައިން އަޅުގަނޑުމެންގެ ތެރެއިން މުޅި ރޭގަނޑު އަޅުކަން ކުރެވެނީ ކާކަށްތޯއެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އެމިންވަރަކަށް އަޅުކަމެއް ނުކުރެވޭނެއެވެ. އެއީ މުސްތަޙީލުކަމެކެވެ. އެހެނެއްކަމަކު ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްލައިގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު އަޖުރެއް ހޯދެން މިއޮތީއެވެ. ﷲ  سُبْحَانَهُ وَ تَعَالَى ރޭގަނޑުގެ ދަމުނަމާދު ކުރާ މީހުންނަށް ކީރިތި ޤުރުއާނުގައި ތަޢުރީފުގެ ބަސް ވަޙީ ކުރައްވާފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އަކަމަކަށް ތައުފީޤު ނުލިބެއެވެ. އެހެންވެއްޖެ ކަމުގައި ވާނަމަ ދަމު ނަމާދު އަޅުގނަޑުމެންނަށް އަދާ ނުކުރެވޭ ކަމުގައިވާނަމަ އަޅުގަނޑުމެން ފަތިސް ނަމާދު ޖަމާއަތުގައިކޮށްލުން ކީއްތޯއެވެ. އަޅުގަނޑުމެންނަށް ގިނަގުނަ ވެގެންވާ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. އާދެ ﷲ  سُبْحَانَهُ وَ تَعَالَى ގެ ހެޔޮލަފާ އަޅުތަކުންގެ ސިފަ ބަޔާންކުރައްވަމުން ﷲ  سُبْحَانَهُ وَ تَعَالَى ކީރިތި ޤުރުއާނުގެ ފުރުޤާން ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. (وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا) -سورة الفرقان- މަނައީ: "އެބައިމީހުންނަކީ ރޭގަނޑު ﷲ  سُبْحَانَهُ وَ تَعَالَى އަށް ސަޖިދަ ކުރުމުގަޔާއި ޤިޔާމް ކުރުމުގަ ހޭދަކުރާ ބަޔެކެވެ." އެހެންކަމުން އަޅުގަނޑުމެން ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލައިފި ކަމަށްވާނަމަ ދަމު ނަމާދުގެ ވާހަކަ ނުވަތަ ދަމު ނަމާދުގެ މާތް ކަމުގެ ވާހަކަ އެކި ހިސާބުތަކުގައި އައިސްފައިވެއެވެ. އެހެންނަމަވެސް އެ ދަމު ނަމާދު ނުކުރެވޭ މީހާ އެންމެ ކުޑަ މިނުން ފަތިސް ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވަމާ ހިނގާށެވެ. އަޅުގަނޑުމެންނަށް އޭރުން އިންޝާ ﷲ ރޭގަނޑުގެ އަޅުކަން ކުރުމުގެ ދަރުމައާއި ޘަވާބު ލިބިގެންދާނެއެވެ.