މި މީހުން މަރުވިގޮތުގެ ވާހަކަ އަޑު އަހާ


އެއީ އެއްވެސް މީހަކަށް އެކަމެއް ވާނެ ވަގުތެއް އަދި ވާނެ ތަނެއް އެނގިގެންނުވާ ޙަޔާތުގެ އެންމެ ބޮޑު ޙަޤީޤަތެވެ. އިލާހީ ސުންނަތުގެ ތެރެއިން ކޮންމެ ސިކުންތަކު މީސްތަކުން ލޮލުން ދެކެމުންދާ އިލާހީ ޤާނޫނެކެވެ. ވަކި ޤައުމެއް ވަކި ނަސަބެއް، ބޮޑެއް ކުޑައެއް އަދި އަންހެނެއް ފިރިހެނެއް އިސްތިސްނާ ކުރުމެއް ނެތި އެ މެހެމާނާ ހަމަ ކޮންމެ ފުރާނައެއްގެ ގާތަށް ވެސް އަންނާނެއެވެ.


އާދެ! މަރު!
މި ރިޕޯޓުގައި މި އަލިއަޅުވާލަނީ އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވިފައިވާ އަދި އިވެމުންދާ ތަފާތު މަރުގެ ހާދިސާތަކަށެވެ. އެންމެ ފުރަތަމަ މި ބަލާލަނީ ދިވެހި ތާރީޚު ދެކިފައިވާ މަރުގެ ހިތާމަވެރި ބޮޑު އަހަރަށެވެ. އަހަރުގެ ފެށުމާއި ނިމުން ގެނުވީ މުޅި ދިވެހި ޤައުމު ރޮއްވާލަމުންނެވެ.
2004 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު ގއ. ވިލިނގިލީން ގދ. ތިނަދޫއަށް އެނަމާ ބޯޓު ދަތުރުކުރީ ފުޓްބޯޅަ މެޗެއް ބެލުމަށްފަހު 150 މީހުންނާއިއެކުގައެވެ. ކަނޑު މަޑު މޫސުން ރީތި މި ދުވަހު ބޯޓު ބަންޑުން ޖަހާލީ ރޭގަނޑުގެ ވަގުތުގައެވެ. 22 މީހުން މަރުވެ، 2 މީހުން ގެއްލިފައިވާ މި ހާދިސާގެ ކަރުނައިން ހަނދާން ނައްތާނުލެވި އުޅެނިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެ ހާސްކަމާއި ބިރުވެރިކަމުގެ ތެރެއަށް ގެނބިގެންދިޔައެވެ.


ހިތާނީ ޝޯތަކާއި އާއަހަރާއި ކްރިސްމަސް ޑޭއަށް ރަށްތަކާއި ރިސޯޓުތައް ތައްޔާރު ކުރަމުން ދިޔަ އެ ދަނޑިވަޅުގައި ﷲގެ އަމުރުފުޅަށް ކަނޑުގެ ރާޅުތައް ރަށްތަކަށް ވެރިވެގެންދިޔައެވެ. އޭޝިޔާ ސަރަހައްދުން ދެލައްކައަށްވުރެ ގިނަ ފުރާނަ ވަކިވެގެން ދިޔައިރު، މި ކުޑަކުޑަ ދިވެހިރާއްޖޭން 82 މީހުން މަރުވެ 26 މީހުން ގެއްލިފައިވެއެވެ.
މިއަދުގެ ޙާލަތަށް ވިސްނާލި ކަމުގައި ވިޔަސް މުޖްތަމަޢު މި ވަނީ އިލާހީ ޢުޤޫބާތާއި ކޯފާއެއް އައިސްދާނެފަދަ ޙާލަތެއްގައެވެ. މުންކަރާތްތަކާއި އަނިޔާވެރިކަމާއި ފާޙިޝް ކަންކަމުން މުޖްތަމަޢު މި ވަނީ ފަސާދަވެފައެވެ. ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާ ކުރަނީ ވަރަށް ވެސް މަދު މީހެކެވެ.


މަރުގެ ތަފާތު ވާހަކަތައް ދެކެވޭ އިރު މިޔުޒިކީ ހަރަކާތްތައް ހިންގާ ތަންތަނާއި މިޔުޒިކީ ދުނިޔޭގެ މީހުންގެ ކުއްލި މަރުގެ ތަފާތު ހާދިސާތަކަކީ ފާހަގަކޮށްލެވޭ ހާދިސާތަކެކެވެ. އެ ގޮތުން ފުޓްބޯޅާގައި ނަން މަޝްހޫރު ދެކުނު އެމެރިކާގެ ބްރެޒިލްގައި
ކިސްގެ ނަމުން ނަންދީފައިވާ ނައިޓް ކްލަބެއްގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ ފާހަގަކޮށްލަންޖެހެއެވެ. 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ދަންވަރު ވެގެންދިޔައީ ރާބުއިމާއި ނެށުމާއި ލަވަކިޔުމާއި ދެޖިންސުގެ ޒުވާނުން ބިރެއް ނެތި މަޖާކުރާޙާލުގައެވެ. އެ ތަނުގައި އަލިފާން ރޯވެ، 242 މީހުން އެގޮތުގެ މައްޗަށް މަރުވެފައިވެއެވެ.


މި ނޫނަސް 2003 ވަނަ އަހަރު އެމެރިކާގެ ދަ ސްޓޭޝަން ނައިޓްކްލަބްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެންމެ ފަސް މިނެޓްގެ ތެރޭގައި މުޅި ކުލަބް އަނދާ ހުލިވެ 100 އަށްވުރެ ގިނަ މީހުން މަރާ ބައްދަލުކޮށްފައިވެއެވެ. މި ނޫނަސް 2008 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހަކީ ވެސް ހަނދާން ކޮށްލަންޖެހޭ ދުވަހެކެވެ. ސްޓާރ ޕްލަސް އިން ގެނެސްދިން އަމޫލް ސްޓާރ ވޮއިސް އޮފް އިންޑިއާ ކާމިޔާބު ކުރި އިޝްމީތު ސިންގް ރާއްޖެ އައީ ޗާޔާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލާށެވެ. މަޝްހޫރުކަމާއި މުދަލާއި ދުނިޔެވީ ހުރިހާ އުފާތަކާއެކު އޭނާ އެ ރިސޯޓުގެ ސްވިމިންޕޫލްގެ ތެރެއަށް ގެނބިގެން މަރުވެފައި ވަނީ އުމުރުން އެންމެ 19 އަހަރުގައެވެ.


ހަމަ މި ނޭވާގައި 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު އޮމާންގައި މަރުވެދިޔަ އިލެކްޓްރޯނިކް ޑާންސް އަދި ޑީޖޭގައި ނަން މަޝްހޫރު އަވީޗީ މަރުވެދިޔަ ވާހަކައަކީ މިޔުޒިކީ އަޅުންނަށް ލިބިގެންދިޔަ ހިތާމަވެރި ޚަބަރެކެވެ. އޭނާ މަރުވެފައި ވަނީ އުމުރުން 28 އަހަރުގައެވެ. މިޔުޒިކްގެ އަވާގައި ޖެހި އެ މަސްތުގެ ޙާލުގައި މަރުވާ މީހުންގެ ވާހަކަތައް އަބަދާއި އަބަދު ކަންފަތްތަކަށް އިވެމުންދާ އިރު މި ފާފަތަކާއިމެދު އަޅުގަނޑުމެން ފަރުވާކުޑަކޮށް ވަރިހަމަވެފައި މި ވަނީ ކީއްވެގެންބާ؟


ހަނދާނުގެ ތެރެއިން އެމެރިކާގެ ލަވަކިޔުންތެރިޔާ ޖިމީ ހެންރިކް 27 އަހަރުގައި މަރުވެދިޔައީ ބަނގުރަލާއެކު ނިދާބޭސް ބޭނުންކޮށްގެން އުޅެނިކޮށް ނޭވާ ހާސްވެގެންނެވެ. ބަރަހަނާ ހާލުގައި ބަނގުރާ ބޮއިގެން ސްޓޭޖްތަކުގައި ލަވަކިޔާ އެމީ ވައިންހައުސް 28 އަހަރުގައި މަރުވެ ގޮސްފައިވާއިރު މި ވާހަކަތަކުން އިބުރަތް ލިބިގަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކާކުބާ؟


މިނޫނަސް މަޝްހޫރު ފިލްމް ސީރީސް ފާސްޓް އެންޑް ފިއުރިއަސްގެ ބަޠަލު އަދި އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފަތަޙަ ކޮށްފައިވާ ޕޯލް ވޯކާ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކާރު އެކްސިޑެންޓެއްގައި މަރުވެފައިވެއެވެ. އެ ހާދިސާގައި އޭނާގެ މުޅި ހަށިގަނޑުވަނީ އަނދައިގެންގޮސްފައެވެ.


މިއަށްވުރެ ވެސް ބޮޑު ހައިރާން ކަމެއް ފިލްމީ ދުނިޔޭގެ އަޅުންނަށް ލިބިގެންދިޔައީ އުރްދުންގެ ފިލްމް ސްޓާރއެއް ކަމުގައިވާ މަޙްމޫދު އަލް ސަވަލްޤާގެ މަރާ ގުޅިގެންނެވެ. އޭނާ މަރުވެފައިވަނީ ބްލަޑް ބްރަދާސް ކިޔާ ފިލްމެއްގައި މަރުވާ މަންޒަރު ދައްކައިދޭ މަންޒަރެއް ކުޅެމުން ދަނިކޮށެވެ.


ދެން މި ބަލާލަނީ ކުޅިވަރުގެ މައިދާނުގައި ހިނގާފައިވާ މަރުގެ ބައެއް ހާދިސާތަކަށެވެ. 2018 ވަނަ އަހަރުގެ މާރޗު މަހުގެ 4 ވަނަ ދުވަހު އިޓަލީގެ ފުޓްބޯޅަ ކްލަބެއް ކަމުގައިވާ ފިއޮރެންޓީނާގެ ކެޕްޓަން ޑޭވިޑް އަސްޓޯރީ މަރުވީ 31 އަހަރުގައެވެ. މެޗު ކުޅުމަށް ދަތުރުކޮށް އެކަމަކު ކުޅޭނެ ފުރުޞަތެއް ނުލިބިއެވެ.


އޭގެ ކުރީގެ ތާރީޚަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އުމުރުން 25 އަހަރުގައި ޕިއަރމަރިޔޯ މޮރިސިނީ ދަނޑު މައްޗަށް ވެއްޓުނީ މަރުވެގެންނެވެ.


ދިވެހި ފަސްގަނޑަށް ބަލާލާއިރު 2018 ވަނަ އަހަރުގެ މޭ މަހުގެ 27 ވަނަ ދުވަސް ނ. އަތޮޅު ހޮޅުދޫއާ ބައްދަލުކުރީ ހިތާމައާ ކަރުނައިން ތެއްމާލަމުންނެވެ. ބަށި އަދި ނެޓްބޯޅަ އަދި މި ނޫންވެސް ކުޅިވަރުތަކަށް މޮޅު 27 އަހަރުގެ ޙުސްނާ މުޙައްމަދު އެރޭ ސައިކަލް ބުރެއް ޖަހާލަން ނިކުތީ އޭނާގެ އެކުވެރި 26 އަހަރުގެ އަޙްމަދު އަދީލް އާއެކުގައެވެ. އެހެން ނަމަވެސް އެނބުރި ގެއަށް އަންނާނެ ފުރުސަތެއް ނުލިބި އެ ދެ ޒުވާނުންވަނީ މަރާ ބައްދަލުކޮށްފައެވެ.
ރާއްޖޭގެ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއަށް ބަލާލާއިރު ބ. އޭދަފުށީ އަޙްމަދު ޝާހީން އޭނާގެ އުމުރުން 31 އަހަރުގައި ވަނީ ހަށިގަނޑާ ފުރާނަ ވަކިވެފައެވެ. ދަނޑުމައްޗަށް މަރުވެގެން ވެއްޓިފައެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު ފުވައްމުލަކަށް އުފަން ޢަބްދުﷲ ނަޒްމީ މަރުވެގެން ދިޔައީ ވެސް ހިތާމައިގެ މައްޗަށް ހިތާމަގެނުވަމުންނެވެ. ދުޅަހެޔޮ މި ޒުވާނާ ފުޓްބޯޅަ ދަނޑުގެ މައްޗަށް މަރުވެގެން ވެއްޓުނުއިރު މަރުގެ 12 ގަޑިއިރު ކުރިން މަރުގެ އިންޒާރެއްދީ ފޭސްބުކްގައި ލިޔެފައިވެއެވެ.


އޭ އިންސާނާއެވެ! ތިބާ ހީކުރަނީ އަބަދުގެ އަބަދަށް މި ވަގުތީ ދުނިޔޭގައި ތިބާއަށް ހުރެވޭނެކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ! ތިބާ މަރުވާނެ ދުވަސް ﷲ ޙަޟްރަތުގައި ވަނީ ލިޔެވިފައެވެ. މިއަދު ތިބާއަށް މޭފުއްޕާފައި މި ދުނިޔެމަތީގައި އުޅެވިދާނެއެވެ. ނަމަވެސް މާދަމާ ﷲ ގެ ދަރުބާރަށް ޙާޟިރުކުރެވޭ އިރު ތިބާއަކީ ނިކަމެތި މީހެކެވެ.


ވީއިރު ފޭސްބުކާއި ޓްވިޓާ އަދި އިންސްޓާގްރާމް ފަދަ ވަޞީލަތްތަކުގައި ލަވަޔާއި މިޔުޒިކާއި ބޭކާރު ސެލްފީތަކާއި ތިމާމެންގެ އައުރަ ނިވާނުކޮށް ނަގާފައިހުރި ފޮޓޯތައްލާ މަރާމެދު ޣާފިލްވެފައިވާ ތިޔަ މަސްތުން ހޭލަން ނުވޭތޯ؟


އާދެ! ދެކެވެމުން މި ދަނީ މަރުގެ ވާހަކަ!
އަންނާނެ ވަގުތެއް، ބައްދަލުކުރާނެ މީހެއް ނޭނގޭ ސިއްރު މެހެމާނާގެ ވާހަކައެވެ. ދެން މި ބަލާލަނީ ކޮންމެ ދުވަހަކުމެ އެ ކަނޑުތަކެއްގެ ރާޅުތަކުގެ ތެރޭގައި ދަތުރުކުރަން ޖެހިފައިވާ ދިވެހިންނަށް ކަނޑުމަތީގައި ދިމާވެފައިވާ ބައެއް މަރުގެ ޙާދިސާތަކަށެވެ.


އެ ގޮތުން ނ. ލަންދޫ ދޯނި، މުރިނގު 2 އާދައިގެ މަތިން މަހަށް ފުރީ ފަޅުވެރިއެއްގެ މަރު ކަނޑުމަތީގައި ބައްދަލުވާނެކަން އެނގިގެނެއް ނޫނެވެ. ނަމަވެސް 45 އަހަރުގެ އާދަމް އިސްމާޢީލް މަސްބާނަން ހުއްޓާ ހޮޑުލެވި މަރުވެގެން ވެއްޓުނެވެ. އޭގެ ހަފްތާއެއް ފަހުން ހަމަ އެ ދޯނީގައި އަޙްމަދު ފައިސަލް އެއް އުކަން ހުއްޓާ މަރުވީވެސް ހަމަ އެ އުމުރުގައެވެ. މަރު އަންނާނެ ގޮތެއް ވަގުތެއް އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކާކަށްބާ؟


މި ނޫނަސް 1437 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް އއ. އުކުޅަހާ ބައްދަލުކުރީ
ހިތާމަޔާ މޮޅުވެރިކަން ކުރިމަތި ކުރުވަމުންނެވެ. ޢީދު ނަމާދަށްފަހު އެ ރަށު ޢަލީ ފިޒާލް މަސް ބާނަން މޫދަށް ދިޔައީ އެ ދުވަހުގެ މެންދުރު ނަމާދަށް ނާދެވޭނެކަން އެނގެނެއް ނޫނެވެ. ނަމަވެސް އެ ގޮތުގައި އޭނާގެ ފުރާނަ ﷲ އާ ބައްދަލުކޮށްފައިވާއިރު، އައްޑު އަތޮޅު ހިތަދޫއަށް 2018 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 21 ވަނަ ދުވަސް ބައްދަލު ކުރީ ވެސް ނުހަނު ބޮޑު ވޭނަކާ ކެކުޅުމެއް ގެނުވަމުންނެވެ.
ހިތަދޫ ފުއްޓަރު ފަރާތު މޫދަށް އެރެލުމަށް ދިޔަ އެ ރަށު 17 އަހަރުގެ ޢަލީ ފަހުމީ އާއި 14 އަހަރުގެ މަޔާމީން ޢަލީ ވަނީ ގެއްލި ހޯދާނުފެނިފައެވެ. ކަނޑުގައި މި ފަދަ އެތައް ހާދިސާއެއް ހިނގާފައި ވާއިރު ވައިގެ މަގަކީ ވެސް ދުނިޔޭގެ ތާރީޚުގައި ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވާ މަގެކެވެ.


އެ ގޮތުން ބަންގާޅު ޖަލާލް އާބާދުގެ މެޑިކަލް ކޮލެޖުގައި ހަދަމުންދިޔަ ޑޮކްޓްރީ ކޯސް ފުރިހަމަކޮށް އަމިއްލަ ޤައުމަށް ދަތުރުކުރި ފިރިހެން ތިން ޑޮކްޓަރުންނާއި ދިހަ އަންހެން ޑޮކްޓަރުން އެ ބޯޓު ވެއްޓުމުގެ ހާދިސާގައި ވަނީ މަރުވެފައެވެ. އެހެން ނަމަވެސް އެ ބޯޓުން ދަތުރުކުރި ދިވެހި ޑޮކްޓަރ ރިޒާނާ ޢަބްދުﷲ ވަނީ ސަލާމަތްވެފައެވެ.


ދެން މި ބަލާލަނީ ދިވެހި ތާރީޚުގައި ކަޅު އަކުރުން ލިޔެވިފައިވާ ހިތާމަވެރި މަރުގެ ހާދިސާއަކަށެވެ. 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ކ. ހުރައަށް ދަތުރުގޮސް އުޅެނިކޮށް، ހިރިޔާ ސުކޫލުގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ވަނީ ގެނބިގެން މަރުވެފައެވެ. ޒުވާން ހަތަރު އަންހެން ކުދިންގެ ރުއިމާއި އާދޭހަށް ފަހު ސަލާމަތް ވާނެ ގޮތެއް ނެތި މަރުވެގެން ދިޔައިރު، ވ. ފެލިދޫ މޫނިމާގެ ޢަލީ ނާޒިމް އެ ދުވަހު މަރުވީ އެ ކުދިން ސަލާމަތް ކުރަން އުޅެނިކޮށެވެ.
ޢަލީ ނާޒިމް މި ފަދަ ގޮތަކަށް މަރުވެގެން ގޮސްފައި ވާއިރު، އޭނާގެ އެއްބަނޑު އެއްބަފާ ދޮށީ ބޭބެ، އަޙްމަދު ޤާސިމް ވެސް މަރުވެފައި ވަނީ ނިދަން އޮތްވާ ކުއްލި ގޮތަކަށެވެ. އަދި ނާޒިމްގެ ބޭބެ އިބްރާހީމް ޤާސިމް ވެސް މަރުވެގެން ގޮސްފައި ވަނީ މަސައްކަތުގައި އުޅެނިކޮށް ހަމަ ކުއްލި ގޮތެއްގައެވެ. އަދި އެގޭ ފާއިޒާ ޤާސިމް ވިހެއުމުގެ ތެރޭގައި މަރުވެފައި ވަނީ އޭނާގެ ކުޑަކުޑަ ދަރިފުޅާ ވެސް އެކުގައެވެ.


އާދެ! މިއީ އިލާހީ ސުންނަތެއް. ބުއްދިވެރިއަކީ އެ މަރަށް ތައްޔާރުވާ މީހާއެވެ. އަންހެނެއް ފިރިހެނެއް އަދި ބޮޑު މީހެއް ކުޑަ ކުއްޖެއް މި މަރުން ސަލާމަތް ވުމެއް ނުވެއެވެ.


އެ ގޮތުން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އަނިޔާވެރި މަންމައެއްގެ އަނިޔާތަކަށް ތަޙައްމަލު ނުކުރެވި
ވ. އަތޮޅު ރަކީދޫއަށް އުފަން މުޙައްމަދު އިބްތިޙާލު އުމުރުން އެންމެ 3 އަހަރުގައި މި އަނިޔާއާއި ނާއިންސާފާއި ކެކުޅުމުގެ ދުނިޔެއަށް އަލްވަދާޢު ކިޔާފައިވެއެވެ. އެ ތުއްތު ދަރިފުޅު ވަކިވެގެން ދިޔައީ މުޅި ދިވެހި ޤައުމު ރޮއްވާލައިފައެވެ.


ހަމަމިއާއެކު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް ދުނިޔެއާ ބައްދަލުކުރީ މަންމައިންނާއި ބައްޕައިންގެ ހިތްތަކަށް ބިރުވެރިކަން ގެނުވާ ރަޙުމާއި ކުލުނުގެ ހިތްތަކަށް މޮޅިވެރިކަން ގެނުވަމުންނެވެ. ޚަބަރު ސުރުޚީތަކާއި ސޯޝަލް މީޑިއާ ފުރި ބަންޑުން ވެގެން ދިޔައީ ޕާކިސްތާނުގެ ކާސޫރު ސިޓީގައި ރަޙުމުކުޑަ ގޮތަކަށް މަރާލާ ކުނިގޮނޑަކަށް އެއްލާލައިފައިވާ


ޒައިނަބް އަންޞާރީގެ މަރާއެކުގައެވެ. މަގުމަތިން ވަގަށް ނަގާ ކިޑްނެޕްކޮށް ޝަޙްވަތާއި ވަޙްޝީކަމުން ފުރިގެންވާ ނަފުސެއްގެ ޖިންސީ ޝިކާރައަކަށްވި އެ ތުއްތު ކުއްޖާ ވަނީ ރަޙުމާންވަންތަ ﷲގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. މި ފަދަ ގޮތަކަށް ދުނިޔޭގެ އެތައް މިތަނުގައި ތުއްތު ކުދިންތައް މިއަދު އެ ދަނީ މަރުވަމުންނެވެ.
ކާފަރުންގެ އަނިޔާވެރިކަމުގައި ސީރިއާ، ފަލަސްޠީން އަދި މިނޫން ވެސް ދުނިޔޭގެ އިސްލާމީ އެތައް ބިންތަކެއްގައި ޑަޒަން ޑަޒަނަށް މިއަދު އެ ދަނީ ލައްކައިން ގުނާލެވޭ ވަރަށް މުސްލިމުން މަރަމުންނެވެ. އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް މި ކަމުން ލިބުނުބާ؟
އާދެ! ކޮންމެ ގޮތަކަށް ވެސް މީހާ ބައްދަލުކުރަނީ އެއްކަމަކާ! އާދެ! މަރު!
ދެން މި ރިޕޯޓުގައި މި ބަލާލަނީ ފިޒިކްސް އާއި ހިސާބު ޢިލްމުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ސްޓީވަން ހޯކިންގްސްގެ މަރަށެވެ. ބަލި އެނދުގައި އެތައް އަހަރެއް ވީއިރު އޭނަގެ ތޫނުފިލިކަމާއި މޮޅުކަމަށް އެތައް ބަޔަކު ތަޢުރީފް ކޮށްފައިވެއެވެ. ކާއިނާތުގައި އުޅޭ ޒައްރާތަކާއި ކާއިނާތަކުގައިވާ އުނދަގޫ ތަފާތު ޢިލްމުތައް އޭނާ ހޯދާ އެ އުސްމިނަށް އޭނާ ވާސިލުވެފަ ވާއިރު ހިތާމައަކީ އެ ކާއިނާޓުގެ ރައްބުގެ ހިދާޔަތަށް އޭނާއަށް ވާސިލްވެފައިނުވާކަމެވެ. ކުފުރުގެ މަތީގައި މަރުވެދިޔައިރު މި ބޮޑު ޙަޤީޤަތާއި މެދު ވިސްނާލުން ކީއްތޯ؟


ކޮންމެ ދީނަކަށް ނިސްބަތް ވިޔަސް ކޮންމެ ޢަޤީދާއެއް މި ވަގުތީ ދުނިޔެމަތީގައި އޭނާ ގެންގުޅުނު ކަމުގައި ވިޔަސް، މަރު އެ މީހަކާ ބައްދަލު ކުރާނެއެވެ. ﷲ ތަޢާލާގެ މި ޤަދަރު ކުރެއްވުމުން ހަމަހިލާ އެކަކަށް ވެސް ސަލާމަތެއް ނުވެވޭނެއެވެ.


ހަމަމިނޭވާގައި މުޅި ދުނިޔޭގެ ލޯބި ލިބިގެން ހެޔޮ ގޮތުގައި މަރުވެދިޔަ ޢަލީ ބަނަތުގެ ވާހަކަ ދައްކަންޖެހެއެވެ. އޮސްޓްރޭލިޔާއަށް އުފަން މި ޒުވާނާއަކީ ފަހުގެ ތަފާތު ސްޓައިލްތަކަށް ލޯބިކޮށް މުއްސަނދި ދިރިއުޅުމެއް ދިރިއުޅެމުން ދިޔަ މަހުޖަނެކެވެ. ދުނިޔޭގެ އުފާތަކުގައި، އުދުހެމުން ދިޔަ މި ޒުވާނާގެ ޙަޔާތަށް ލެއްވި ރަޙްމަތުގެ ވިލާގަނޑަކީ ކެންސަރު ބަލިކަމަށް ޢަލީ ބަނަތު ޤަބޫލުކުރިއެވެ.


ޑޮކްޓަރުން ދިރިހުންނާނެ ކަމަށް ލަފާކޮށް 7 މަހުގެ މުއްދަތެއް ދިނެވެ. އެ ދިރުމަކީ ޢަލީ ބަނަތުގެ ދިރިއުޅުން ބަދަލުވެގެންދިޔަ ކަމެކެވެ. ކައްވަޅާ އާޚިރަތަކީ ޖޯކެއް ނޫންކަމަށާއި އެ މަރަށް ތައްޔާރުވާންވީ ހެޔޮގޮތުގައިކަން ޢަލީ ކިޔައިދެއްވިއެވެ. މިލްކިއްޔާތުގައި ހުރި އަގުބޮޑު ކާރުތަކާއި ގަޑިތަކާއި އަންނައުނަށް ދާންދެން މުސްލިމު ފަޤީރުންނަށް ޞަދަޤާތްކުރެއްވިއެވެ. މިސްކިތްތަކާއި ސުކޫލުތައް ބިނާކުރެއްވުމަށް ޖީބު ހުޅުވާލެއްވިއެވެ. 2018 ވަނަ އަހަރު މޭ މަހުގެ 29 ވަނަ ދުވަހު ޢަލީ ބަނަތު މަރުވެގެންދިޔައިރު އެ ކަމުގެ ހިތާމައިގައި ބައިވެރިވީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އަދި ކިއެއްތަ؟ ކާފަރުންގެ ހިތްތައް ވެސް އެ މަރާމެދު ހިތާމައިން ފުރިގެންދިޔައެވެ.


އާދެ! މިއީ މަރު. ތިބާ ނަމާދު ކުރިޔަސް ނުވަތަ ނުކުރިޔަސް، ތިބާ ހެޔޮ ޢަމަލު ކުރިޔަސް ނުވަތަ ނުކުރިޔަސް
މި މަރާ ބައްދަލު ކުރަން ޖެހޭނެއެވެ. ތިބާގެ ވަށައިގެން ތިޔަވާ ތިބާގެ ޢާއިލާގެ މީހުންނާއި އެކުވެރިން ތިބާ މަރުވުމުން
ކައްވަޅުގެ އެކަނިވެރިކަމަށް ތިބާ ދޫކޮށްލާނެއެވެ. އެ ކައްވަޅުގެ ހަރުކަށި މަލާއިކަތުންގެ ސުވާލުތަކާއި އެކަނިމާއެކަނި ކުރިމަތިލާން ޖެހޭނެއެވެ. އެ ބިމުގެ ކާނާއަކަށް ތިބާގެ ތިޔަ ހަށިގަނޑު ހެދޭނެއެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ އަހަރަކު ދުނިޔެއިން 55.3 މިލިއަން މީހުން މަރުވެއެވެ.
އެއީ ކޮންމެ ދުވަހަކަށް ބަލާ ނަމަ 1،51،600 މީހުންނެވެ.
ގަޑިއިރަކަށް ބަލާ ނަމަ، 6316 މީހުންނެވެ.
މިނެޓަކަށް ބަލާ ނަމަ ކޮންމެ މިނެޓަކަށް 105 މީހުންނެވެ.
ސިކުންތަކަށް ބަލާ ނަމަ ގާތްގަނޑަކަށް ކޮންމެ ސިކުންތަކު ދެ މީހުންނެވެ.


މި ރިޕޯޓުގައި ތިބާ ތިޔަ އަޑުއެހީ ތަފާތު އެކި މީހުން މަރުވެގެންދިޔަ ތަފާތު ގޮތްގޮތުގެ ވާހަކައެވެ. ވީއިރު ތިބާގެ ފުރާނަ ނޭވާ ހޮޅިއަށް އެޅި ތިބާގެ މަރު ތިބާއާ ބައްދަލުކުރާނެ ވަގުތަކަށް ތިބާ ތައްޔާރުތޯ؟
﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ﴾
މާނައީ: ކޮންމެ ނަފްސަކީ ވެސް, މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. އަދި )ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް( ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެ މީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.