އަލް އިމާމު އިބްނު ކަޘީރު رحمه الله އެކަލޭގެފާނުގެ ތާރީޚު ފޮތް البداية و النهاية ގައި ޛިކުރު ކުރައްވާފައިވެއެވެ. ހިޖުރީ ގޮތުން 478 ވަނަ އަހަރުގެ މުޙައްރަމު މަހުގައި އައްރަޖާންއަށް އައި ބިންހެލުމެއްގައި އެތަކެއް އިންސާނުންނާއި ނަޢަމު ސޫފިތައް ނެތިގެން ދިޔައެވެ. އަދި ހަމަ އެ އަހަރުގައި ބަލިތައް ގިނަވެ ހުމާއި ޠާޢޫން ބަލި ޢިރާޤާއި ޙިޖާޒުކަރަ އަދި ޝާމުކަރައިގައި ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަމުގައި ކުއްލި މަރުން މަރުވަމުން ދިޔައެވެ. ދެން ބައްރުތަކުގައި އުޅުނު ވަލު ޖަނަވާރުތައް މަރުވާން ފެށިއެވެ. އަދި އެޔާއި ވިދިގެން ނަޢަމު ސޫފިތައް މަރުވާން ފެށިއެވެ. މީގެ ސަބަބުން ކިރާއި މަސްލިބުން ދަތިވެގެން ދިޔައެވެ. މި ހުރިހާ ކަމަކާއެކު ރާފިދީންނާއި ސުންނަތިގެ އަހުލުވެރިންނާއި ދެމެދު ބޮޑުވެގެންވާ ފިތުނައެއް އުފެދި ގިނަ ޢަދަދެއްގެ ބަޔަކު ޤަތުލު ވެގެން ދިޔައެވެ.
އަދި ރަބީޢުލް އައްވަލު މަހުގައި ކަޅުކުލައިގެ ގަދަ ވަޔެއް ޖެހި އެ ވަޔާއެކު އައި ވެއްޔާ ހިރަފުހާއި އެކު ގިނަ އަދަދެއްގެ ކަދުރު ރުއްތަކާއި ގަސްތައް ވެއްޓުނެވެ. ގަދަ ގުގުރުމާއެކު އައި މި ތޫފާނުގެ ސަބަބުން ޤިޔާމަތް ޤާއިމުވީ ކަމުގައި ބައެއްމީހުންނަށް ހީކުރެވުނެވެ. އޭރު އިސްލާމީ ޚިލާފަތުގައި ހުންނެވި ޚަލީފާ އަލް މުޤްތަޟީ ބި އަމްރިﷲ رحمه الله ޚިލާފަތުގެ ފަރާތުން ސިއްކަ ޖައްސަވައި ހުރިހާ ތަނެއްގައި ވެސް ހެޔޮކަންކަމަށް އަމުރުކޮށް އަދި މުންކަރާތްތައް މަނާކުރުމަށް ރަސްމީ އަމުރުފުޅެއް ނެރުއްވެވިއެވެ. އަދި އޭރު އެތަނުގައި ތިބި ޒިންމީން އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ހެދުމެއް ލުމަށް ލާޒިމްކުރެއްވެވިއެވެ. އަދި މިއުޒުކް ކުޅޭ އާލާތްތައް ހަލާކު ކުރެއްވެވިއެވެ. ރާތަށް ބަންޑުން ޖައްސަވައި އޮއްސާލައްވައި އެ ތަކެތި ހުސްކުރެއްވެވިއެވެ. އަދި ފަސާދަ އުފައްދާ މީހުން ރަށުން ބޭރު ކުރެއްވެވިއެވެ. އަދި މި ހުރިހާ ކަމަކާއެކު މާ ގިނަ ދުވަސްތަކެއް ނުވެ ކޯފާއާއި ބަލިމަޑުކަމުން މި އުންމަތް ސަލަމާތްވިކަމުގައި ބުނެވެއެވެ.
އާދެ މިއަދު މިވަނީ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސްގެ ނުރައްކާ ރަށްތަކާއި ހަމައަށް ފޯރާފައެވެ. މުޅި މުޖުތަމަޢިން ފެންނަމުން ދަނީ އޮންނަން ޖެހޭ ވަރަށް ވުރެ ބޮޑު ބިރުވެރިކަމެކެވެ. މާ ބޮޑު ހާސްކަމެވެ. ސަލާމަތްވެ ރަައްކާތެރިކަން ހޯދުމަށް އެމީހަކަށް ކުރެވުނު ކަމެއް އަންނަނީ ކުރަމުންނެވެ. ކާޑު ހުސްވެ ބަނޑަށް ޖެހިދާނެ ކަމަށް ބަލައި މީސްތަކުން ވަނީ ފިހާރަތަކުގެ ހަރުތައް ހުސްކޮށްފައެވެ. ޤައުމަށް ވައިރަސް ވަނުމުގެ މާ ކުރިން މާސްކްތަކާއި ސެނެޓައިޒާރ ބޭނުންކޮށް އެތަކެތި ވަނީ ބާޒާރުން ހުސްކޮށްފައެވެ. ސުވާލަކީ އަހަރުމެން މި ޙާލަތުގައި ކުރަންވީ ކޮންކަމެއްތޯއެވެ.
އެންމެ ފުރަތަމަ ކަމަކަށް އަހަރުމެން އެންމެ ފުރިހަމަ ތައުބާއަކުން ﷲސުބްޙާނަހޫ ވަތަޢާލާގެ މަގުގައި ތައުބާވެ އެ މަގަށް ރުޖޫޢަވާން ޖެހެއެވެ. އަދި ވެރިން ރައްޔިތުންނާއި މެދު ބާރު ހުރި މީހުން ނިކަމެތިންނާއި މެދު ވިޔަފާރިވެރިން ގަންނަ މީހުންނާއި މެދު ފިރިން އަނބިންނާއި މެދު އަނިޔާވެރި ކަމެއް ވާނަމަ އެކަމެއް ވަގުތުން ވަގުތަށް ހުއްޓާލަންވީއެވެ. ސިއްރާއި ފާޅުގައި ވެސް މާތް ﷲ ނަހީ ކުރެއްވި ކަންކަމުން ދުރުހެލިވެ އަމުރު ކުރެއްވިކަންކަން ކުރަންވީ އެވެ. ނަމާދުތަކަށް ފަރުވާތެރިވެ އިޚްލާޞްތެރިކަމާއެކު ދެއަތް އުފުލައި ކާއިނާތުގެ ވެރި ރައްބުގެ ރައްކާތެރި ކަމާއި މަދަދަށް އެދެންވީ އެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި އެއިން ބަލިތަކަށް ޝިފާ ހޯދަންވީއެވެ.
މިނޫނަސް ޒިނޭ ކުރުމާއި ފާޙިޝް ޢަމަލުތައް ހިންގުމާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރުމާއި ބޮޑުބެރު ޖެހުމާއި މިއުޒިކް ކުޅުމާއި ރަޙިމުގެ ގުޅުން ކެނޑުމާއީ ފަސާދަ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ޙަރާމް ގޮތުގައި މުދާ ހޯދުން ފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހެއެވެ. އަދި ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާން ޖެހެއެވެ. އަދި ބަލިޖެއްސެވުމާއި އެއަށް ޝިފާ ދެއްވުމަކީވެސް މާތްﷲގެ އިރާދަފުޅުގެ ދަށުގައިވާ ކަމެއްކަން ޤަބޫލުކޮށް ރައްކާތެރި ވުމުގެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް އެއިލާހަށް ވަކީލު ކުރަން ޖެހެއެވެ. ކޮންމެ ވަގުތެއްގައިވެސް މަރާއި ބައްދަލު ކުރަން ޖެހިދާނެކަމަށް ޓަކައި ހެޔޮ ޢަމަލުތައްކޮށް އެ މަރަށް ތައްޔާރުވާން ޖެހެއެވެ. އަދި ޤިޔާމަތުގެ ބޮޑު ހެލުން ގަނޑާއެކު ހުޅަނގު ފަރާތުން އިރު އަރައި ލޯތައް ބޮޑު ވާނެ ދުވަހަކަށް ތައްޔާރުވާން ޖެހެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ މި ނުރައްކާތެރި ބަލި މަޑުކަމުން އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނާއި ދަރިންނާއި ރަށްތަކާއި އެންމެހައި މުސްލިމުން ސަލާމަތްކުރައްވާ ރަށްކާތެރި ކުރަށްވާށިއެވެ. އާމީން.
17 ސެޕްޓެމްބަރ 2023
04 ޖޫން 2023
05 މެއި 2023
26 ޑިސެމްބަރ 2022
11 ނޮވެމްބަރ 2022
25 ސެޕްޓެމްބަރ 2022
30 ޖޫން 2022
31 ޑިސެމްބަރ 2021
08 ނޮވެމްބަރ 2021
16 ޖުލައި 2021